ހއ. ދިއްދޫގައި އެއާޕޯޓް އެޅުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު، އެންމެ 50 ދުވަހުގެ ތެރޭގައި ނިންމާލައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގި މި މަސައްކަތް ޖެނުއަރީ 4 ގައި ފެށިފަހުން، މިހާތަނަށް ޖުމުލަ 112 ހެކްޓަރުގެ ސަރަހައްދެއް ހިއްކާ ނިންމާފައިވާ ކަމަށެވެ. މިއީ ދިއްދޫގެ ތަރައްގީއަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ހަލުވިކަމާއެކު ނިންމާލުމަށް ބޭނުންކޮށްފައިވަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބާރުގަދަ އަދި އެންމެ ހައި-ޓެކް ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށްވާ "ލީވް އެރިކްސަން" އެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި މި ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ހިއްކުމުގެ ގާބިލުކަން ލިބިގެންވާ އުޅަނދެކެވެ.

ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުން ނިމުމާއެކު، ދެން ކުރިއަށްދާނީ އެއާޕޯޓުގެ އަމަލީ މަސައްކަތްތަކެވެ. ރައީސް ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމަކީ ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށާއި، އިގްތިސޯދީ ގޮތުން އެ ރަށަށް އަންނާނެ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.