މ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ރާބަނދިހުރާގައި އެކަނި ދޫކޮށްލާފައި އޮތް ބުޅަލެއް، ދެ ދުވަހުގެ ބުރަ މަސައްކަތުން ހޯދައި ސަލާމަތްކޮށްފިއެވެ. ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޓޯފޫ ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަށްފަހު، ބުޅާ މިހާރު ވަނީ މ. މަޑުއްވަރިއަށް ގެންގޮސްފައެވެ.

މި ބުޅާ ސަލާމަތްކުރުމުގެ މަސައްކަތް ފެށުނީ އެމެރިކާގެ ޓޫރިސްޓެއް ކަމަށްވާ މެލީސާ މެކްޑެވިޓް، އެ ރަށުގައި ވަރަށް އޮޅު ބުޅަލެއް އެކަނިވެފައި އޮތްތަން ފެނިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ސަފާރީއަށް ބުޅާ އެރުވުމުގެ ހުއްދަ ނެތުމުން އޭނާއަށް ބުޅާ ގެންދެވޭ ގޮތް ނުވުމުން، ބުޅާ ސަލާމަތްކޮށްދޭ ބަޔަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ބުޅާ ހޯދުމުގެ މަސައްކަތް ހުކުރު ދުވަހު ފެށި ނަމަވެސް، ފުރަތަމަ ދުވަހު ބުޅާ ފެނިފައެއް ނުވެއެވެ. ނަމަވެސް ބުޅަލުގެ ފިޔަވަޅުތައް ފެނުމުން ރަށުގެ އެކި ހިސާބުތަކުގައި ކާއެއްޗެހި ބަހައްޓައިގެން ކުރި މަސައްކަތުން، އިއްޔެ ވަނީ ބުޅާ އަތުލައިގަނެވިފައެވެ.

ޒޫފިލިސްޓް ސޮސައިޓީން ބުނީ ބުޅާ މިހާރު މަޑުއްވަރީގެ މީހަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބުޅާ ނިއުޓާކޮށް (ވިހެއުން ހުއްޓުވައި)، ދާއިމީކޮށް ބަލާނެ މީހަކާ (އެޑޮޕްޝަން) ހަވާލުކުރާނެ ކަމަށެވެ. އަދި ބުޅަލަށް ދޭނެ ނަމެއް ހުށަހެޅުމުގެ ފުރުސަތުވެސް އެ ޖަމިއްޔާއިން މިހާރު ވަނީ ހުޅުވާލާފައެވެ.

މީހުން އުޅޭ ރަށްރަށުން ބުޅާ މަދުކުރުމުގެ ނަމުގައި، އެއްވެސް ކާނާއެއް ނުލިބޭނެ ފަދަ ފަޅުރަށްރަށަށް ބުޅާ ދޫކޮށްލުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ނޭދެވޭ އާދައެއްކަން ފާހަގަކުރެވެއެވެ.