ފުވައްމުލަކު ފުނާޑު އަވަށުގައި އޮންނަ ބަންޑާރަ ކިޅީގެ ބޯޑްވޯކް ރެއިލިންތައް ހަލާކުކޮށް، އެތަނަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ ފުވައްމުލަކު ސިޓީ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސިޓީ ކައުންސިލުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބޯޑްވޯކްގެ ރެއިލިންތައް ނައްޓާލައި، އޭގެ ބައިތައް ވަނީ ކައިރީގައި އޮތް ޗަސްބިން ތެރެއަށް އުކާލާފައެވެ. ކައުންސިލުން ބުނީ މިފަދަ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާތީ އެކަމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. ބޯޑްވޯކަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރައްޔިތުންގެ މެދުގައި މަގުބޫލު، ރަށުގެ ފަހުރެއްގެ ގޮތުގައި ބެލެވޭ ތަނެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރިއެވެ.

ބަންޑާރަ ކިޅިއަކީ 2012 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ނޭޗާ ޕާކު 2018 ވަނަ އަހަރު ގާއިމުކޮށްފައިވަނީ ވެސް މި ކިޅީގައެވެ. ތިމާވެށީގެ ގޮތުން ނާޒުކު މި ސަރަހައްދަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް ކިޅީގެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ.

ކައުންސިލުން ވަނީ މިފަދަ އާންމު މުދަލަށް ގެއްލުންދޭ އަމަލުތައް ނުހިންގުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މި ސަރަހައްދަކީ ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށްވާތީ، އެތަން ރައްކާތެރިކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.