ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ރަހުމަތްތެރި ގުޅުން ކުރިއަށް ވުރެ ބަދަހިވެ، ވަރުގަދަވެފައިވާ ކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ ވިދާޅުވެއްޖެއެވެ.

ސައުދީގެ ތައުސީސީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ސައުދީން އަބަދުވެސް އިސްކަން ދެނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ، ހަމަހަމަކަންމަތީގައި ގުޅުންތައް ބަދަހިކުރުމުގެ ހާރިޖީ ސިޔާސަތަކަށް ކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓައި، ޒިންމާދާރުކަމާއެކު އިސްލާމީ ދުނިޔެއަށް ހިދުމަތްކުރުމުގައި ސައުދީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ސައުދީގެ "ވިޝަން 2030" ތަސައްވަރުގެ ދަށުން އިގުތިސާދު ސިންދަފާތުކުރުމާއި ބައިނަލްއަގުވާމީ ވަރުގަދަ ގުޅުންތައް ގާއިމުކުރުމަށް ދޭ އިސްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތަކީ، ސައުދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަސް ނުވަތަ "ތައުސީސީ ދުވަސް" ފާހަގަކުރުމަށް ބޭއްވި ހަފުލާއެކެވެ. ސަފީރު ވިދާޅުވި ގޮތުގައި މިފަދަ މުހިންމު ދުވަހެއް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްކަމުގެ ރަމްޒެކެވެ.