މާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހިންގި ހާއްސަ މަސައްކަތްތަކެއްގައި، އެކި މައްސަލަތަކުގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ފައިސާގެ ތެރެއިން 464,819 ރުފިޔާ ހޯދައިފި ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ރިކަވާކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން ވަނީ 365,099 ރުފިޔާ އަނބުރާ ހޯދާފައެވެ. މީގެ އިތުރުން ހެންވޭރު ޕޮލިހުން 65,000 ރުފިޔާ ރިކަވާކޮށްފައިވާއިރު، މާފަންނު ޕޮލިހުން ވަނީ 34,720 ރުފިޔާ ހޯދައިދީފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މާލޭގެ އަމާންކަން ދެމެހެއްޓުމަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖުމްލަ 553 މީހަކު މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުން 2,267 ލޮކޭޝަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މާލޭގައި ކުށްކުރުން އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާއިރު، ކަމާބެހޭ ފަރާތްތަކުން ބުނަނީ ކުށްކުރާ މީހުންނަށް ދޭންޖެހޭ ހައްގު އަދަބުދީގެން ނަމަވެސް މުޖުތަމައުގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. ފުލުހުންގެ މި ހަލުވި މަސައްކަތަކީ ކުށްކުރުން ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.