ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ގެ ދަށުން މަގުމަތީގެ ޕެޓްރޯލްތައް ވަރުގަދަކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، އިއްޔެ ކުރިއަށް ގެންދިޔަ މޮނިޓަރިން ހަރަކާތުގައި އެކަނިވެސް މަގުމަތިން 60 ބިދޭސީއަކު ހުއްޓުވައި ވަނީ ސުވާލުކޮށްފައެވެ. މި މަސައްކަތަކީ އިމިގްރޭޝަން ގަވާއިދުތައް ތަންފީޒުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ދެނެގަތުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި އުޅޭ ބައެއް ބިދޭސީންގެ ސަބަބުން އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ހިނގާތީ، އެކަންކަން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މިފަދަ ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ.
އިމިގްރޭޝަނުން ބުނީ މިފަދަ ޕެޓްރޯލްތަކުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ދެނެގަނެ، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.
