އެމެރިގާގެ އެތްލީޓެއް ކަމަށްވާ ގުވެން ބެރީ، ބަރު އުކުމުގެ މުބާރާތުން ތިންވަނަ ލިބުނު ހަފްލާގައި އެމެރިކާ ދިދައަށް ކުޑައިމީސްކޮށް އަމަލުކޮށްފިއެވެ. ބަރު އުކުމުގެ މުބާރާތުން ތިންވަނަ ލިބި، ލޯ މެޑަލް އޭނާގެ ކަރުގައި އެޅުވި ވަގުތު، އެމެެރިކާގެ ގައުމީ ސަލާން ޖެހިއެވެ. އެވަގުތުއޭނާ ވަނީ ގައުމީ ދިދައަށް ފުރަގަސްދީފައެވެ.

އަދި އޭނާ ހުރި މަގާމުން ފައިބައިގެން ދިޔަ އިރު، އޭނާގެ ބޮލުގައި ވަނީ ކަޅު ޓީޝާޓެއް އަޅާފައެވެ. އޭގައި ވަނީ "އެކްޓިވިސްޓް އެތްލީޓު" މިހެން ލިއެފައެވެ.

ގުވެން އަކީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އެ މުބާރާތަށް އައި އިރު އޭނާގެ ތުންފަތުގައި މަތިން ތިރިއަށް ކަޅު ރޮނގެއްވެސް ވަނީ ކުރަހާފައެވެ. އަދި އެ ހަފްލާއަށްފަހު އޭނާ ވަނީ އޭނާ އެމެރިކާ ދިދައަށް ފުރަގަސްދިން ސަބަބު މީސްމީޑިޔާގައި ހާމަކޮށްފައެވެ.

އެގޮތުން އޭނާ ބުނީ އެމެރިކާ އަކީ އެގައުމުގެ ގައުމީ ސަލާމުގައި ކިޔާ ފަދަ ގައުމެއް ނޫންކަމަށެވެ. އަދި އޭނާއަކީ އެމެރިކާ ރައްޔިތެއް ކަމުގައިވިޔަސް، އެ ގައުމުން އޭނާއާއި ދޭތެރޭ އެގައުމުގެ ރައްޔިތެއް ގޮތަކަށް ނުދެކޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ހަމަ އެއާއި އެކު 2019 ވަނަ އަހަރު، ހަފްލާއެއްގައި ގުވެން ދެއްކި ވާހަކާއި ގުޅިގެން އޭނާގެ ގިނަ ސުޕޮންސަރުންތަކެއް ވަނީ އޭނާ ދޫކޮށްލާފައެވެ. އެ ހަފްލާގައި އޭނާ ދެއްކީ ކަޅުނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަތްވާން ޖެހޭނޭ ވާހަކައެވެ.

ގުވެންގެ މި އަމަލާއި ގުޅިގެން އޭނާއަށް ފާޑުކިޔުން އާންމު ވީނަމަވެސް، ތައުރީފުވެސް ހަމަ އެހާވަރަށް ލިބެމުންދެއެވެ. އެމެރިކާއަކީ ނަސްލީ ތަފާތުކުރުން ބޮޑު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.