ރޯދަ މަހުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް އެތެރެވި މުދަލުގެ ތަފާސްހިސާބުތައް ރާއްޖެ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އާންމުކޮށްފައެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން، ރޯދަ މަހުގެ ފަސްވަނަ ދުވަހު (ފެބްރުއަރީ ބާވީސް ގައި) އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ކަރަލެވެ.

އެ ދުވަހު އެކަނިވެސް ޖުމުލަ ހަތަރު ހާސް ސަތޭކަ ތިރީސް ފަސް ޓަނުގެ މުދާ ކްލިއާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ތިން ހާސް ހަތްސަތޭކަ ނުވަދިހަ ހަ ބަސްތާގެ ކަރާއެވެ. މީގެ އިތުރުން ދޮންކެޔޮ، ބިސް، އަލަނާސި އަދި ޓޮމާޓޯ ފަދަ ބާވަތްތައްވެސް ގިނަ އަދަދަކަށް ބާލާފައިވެއެވެ.

ފެބްރުއަރީ ބާވީސް ވަނަ ދުވަހު އެންމެ ގިނައިން ބޭލި ބާވަތްތައް:

ކަރާ: ތިން ހާސް ހަތްސަތޭކަ ނުވަދިހަ ހަ ބަސްތާ

ބިސް: އެއްހާސް ފަސްސަތޭކަ އަށްޑިހަ ކޭސް

އަލަނާސި: އެއްހާސް ހަތަރުސަތޭކަ ހަތްދިހަ އަށް ބަސްތާ

ކެބެޖް: އެއްހާސް ނުވަދިހަ ދެ ބަސްތާ

ޓޮމާޓޯ: އެއްހާސް ފަސްދޮޅަސް ދެ ބަސްތާ

ދޮންކެޔޮ: އެއްހާސް ހަތަރު ބަސްތާ

ރޯދަ މަހާ ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަށް މުދާ ކްލިއާކޮށްދިނުމަށް އެމްޕީއެލް އިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން، މިފަދަ މުދާ ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި ތިން ހާސް އަކަފޫޓުގެ ހިޔާކުރި ޝެޑެއް ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ. މި ދުވަސްވަރު މުދާ ބޭލުމުގެ މަސައްކަތް ހަލުވިކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.