ބާޒާރުގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގު އުފުލިފައިވާ ކަމުގެ ރިޕޯޓުތައް ލިބެމުންދިޔަ ނަމަވެސް، އެސްޓީއޯއިން އޮރެންޖުގެ އަގުތައް އެއްވަރެއްގައި ހެޔޮކޮށް ހިފަހައްޓައިފިއެވެ. އެސްޓީއޯއިން މިހާރު އޮރެންޖު ކިލޯއެއް ވިއްކަމުންދަނީ ސާޅީސް ރުފިޔާގެ ރޭޓުންނެވެ.
މި އަގަށް ބަލާއިރު، އެއް އޮރެންޖެއްގެ އަގު ޖެހެނީ ފަހެއް ޕޮއިންޓު ހަތެއް ރުފިޔާ އާއި ހައެއް ޕޮއިންޓު ހަތެއް ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ބާޒާރުގައި އޮރެންޖުގެ އަގު ވަގުތީ ގޮތުން އުފުލުނީ އިންޓަނޭޝަނަލް ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކާއި، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން ޝިޕްމަންޓުތައް ލަސްވުމާ ގުޅިގެންނެވެ. މީގެ އިތުރުން މިސްރާއި އެފްރިކާ ފަދަ ގައުމުތަކުން މުދާ ލިބުމުގައިވެސް ބައެއް ދަތިތައް ކުރިމަތިވިއެވެ.
ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓުތައް މިހާރު ވަނީ ރާއްޖެ އައިސް، ރާއްޖެ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ އިސްކަމެއް ދީގެން ކްލިއާ ކުރަން ފަށާފައެވެ. ގިނަ އަދަދެއްގެ އޮރެންޖު ކޮންޓޭނަރުތައް އަމިއްލަ އިމްޕޯޓަރުންނަށް ދޫކުރަން ފެށުމާއެކު، ބާޒާރުގައި އޮރެންޖު ލިބުން އިތުރުވެ، އަގުތައް މިހާރު ވަނީ ދަށްވާން ފަށާފައެވެ.
އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓްރީއާއި، އެސްޓީއޯ އަދި އެމްޕީއެލް ގުޅިގެން ދަނީ ބާޒާރުގެ އަގުތައް ބަލައި، މުދާ ބޭލުމުގެ މަސައްކަތް އަވަސްކުރަމުންނެވެ. އޮރެންޖު ސަޕްލައި އާންމު ހާލަތަކަށް ރުޖޫއަވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް އިތުރަށް ހެޔޮވާނެ ކަމަށް ބެލެވެއެވެ.
