އޮންލައިންކޮށް މުދާ ގަތުމަށް ދިވެހިން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެ، މިއަހަރުގެ މިހާތަނަށް އެމޭޒަން އާއި އަލިއެކްސްޕްރެސްގައި އެކަނިވެސް ދެ މިލިއަން ޑޮލަރަށްވުރެ ގިނަ ވިޔަފާރިކޮށްފައިވާކަން ބީއެމްއެލްގެ ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، މިއަހަރުގެ ޖެނުއަރީ އެކަކުން ފެބްރުއަރީ އެކާވީހުގެ ނިޔަލަށް އެމޭޒަން އާއި އަލިއެކްސްޕްރެސް މެދުވެރިކޮށް ފަންސަވީސް ހާހަށްވުރެ ގިނަ މުއާމަލާތް ވަނީ ކޮށްފައެވެ. މި މުއާމަލާތްތަކުގެ ޖުމުލަ އަގު ދޭއް ޕޮއިންޓު ތިނެއް ތިނެއް މިލިއަން ޑޮލަރަށް ނުވަތަ ސާޅީސް ހައެއް ޕޮއިންޓު ހައެއް މިލިއަން ރުފިޔާއަށް އަރައެވެ.

ބޭންކުން ބުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު ކާޑުތަކުން ބޭރުގައި ކުރި ހޭދަ ވަނީ ފަސްދޮޅަސް ހަތަރު ޕަސަންޓު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީގައި ތިރީސް ފަހެއް ޕޮއިންޓު އަށެއް މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ފަންސަވީސް މިލިއަން ޑޮލަރަށް އަރާފައެވެ.

ކާޑުތަކުން ކުރާ ހޭދަ އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި ކާޑު ލިމިޓުތައް ބޮޑުކުރުމާއި، އަމިއްލަ ފަރުދުންގެ ކާޑުތައް ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޭނުންކުރުން އިތުރުވުން ހިމެނެއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރާ ހޭދައިގެ ފަސްދޮޅަސް ހައެއް ޕަސަންޓަކީ އީ-ކޮމާސް ވެބްސައިޓުތަކަށް ކުރާ ހޭދައެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން ވަނީ ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ ކާޑުތައް ބޭނުން ނުކުރުމަށް އެދިފައެވެ. އޭގެ ބަދަލުގައި ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް ބޭންކުން ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ ހިދުމަތްތައް ބޭނުންކުރުމަށް ބޭންކުން ބުންޏެވެ.