ދުނިޔޭގެ މިހާރު ހުރި، އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ލިބިފައި އޮތީ ޖަޕާނުގެ ޓަނަކާ ނަމަކަށް ކިޔާ އުމުރުން 118 އަހަރުގެ މީހަކަށެވެ. ނަމަވެސް ތުރުކީގެ އަންހެނަކު މި ވަނީ އެ ލަގަބު ހޯދުމަށް ވާދަކޮށްފައެވެ. އަދި އޭނާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާކަމަށްވެސް އޭނާ ބުނެއެވެ.
ތުރުކީގެ ރިޕޯޓުތައް ބުނާގޮތުން މި އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު މި އަންހެންމީހާ ވަނީ އޭނާގެ 119 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. ސެކާ އާސްލަން ނަމަކަށް ކިޔާ މި އަންހެން މީހާގެ އުމުރަކީ 119 އަހަރުކަމަށް ބުނެދެނީ އޭނާގެ ޑްރައިވިން ލައިސަންސު ކާޑުންނެވެ. އެ ކާޑުގައި ވާގޮތުން އޭނާގެ އުފަން ތާރީހަކީ 27 ޖޫން 190އެވެ.
އާސްލަންގެ 6 ދަރިން ދުނިޔޭގައި ތިބި އިރު އޭނާގެ 12 މާމަދަރިން ދުނިޔޭގައި އެބަތިއްބެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ މިހާ އުމުރު ދިގުވުމުގެ ސިއްރުތަކެއް ވެއެވެ. އެގޮތުން އޭނާގެ މަންމަ އަކީ 110 އަހަރު ދުނިޔޭގައި އުޅިފައިވާ މީހެއްކަމަށްވެއެވެ. އަދި އޭނާގެ ދުޅަހެޔޮ ސިއްހަތު މިކަމުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކުރެއެވެ.
އުމުރުން 119 އަހަރުވީއިރު އެއްވެސް ބޮޑު ބައްޔަކަށް ފަރުވާހޯދާފައި ނުވާ މި އަންހެންމީހާއަށް ކޮވިޑް19 ވެސް ޖެހިފައެއް ނުވެއެވެ. 119 އަހަރު ވީއިރުވެސް އޭނާގެ ސިއްހަތު އެހާދުޅަހެޔޮކޮށް ހުރުމުގެ ސިއްރެއްކަމަށް އޭނާގެ އެންމެ ދޮށީ ދަރިފުޅު ބުނީ އޭނާ އަކީ ކެއުމުގައި ފަރުވާތެރި މީހެކެވެ. ނަމަވެސް އޭނާގެ ކެއުމުގައި މައިގަނޑުކޮށް ކައި އުޅެނީ ބަޓަރާއި ޗީޒްގެ އިތުރުން މާމުޔެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އުމުރުދިގުވުމަށްވެސް މަގުފަކި ކޮށްދޭނޭކަމެކެވެ. އާސްލަން ގެ މި ވާހަކައާއި ގުޅިގެން އޭނާ ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގައިވެސް މަގުބޫލުކަން ހޯދާފައެވެ.
