ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. އުމުރުން 51 އަހަރުގެ އާމިރު ހޯދަން ފުލުހުން އިއުލާނުކުރީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރެވެން ނެތުމުންނެވެ. ފުލުހުން ބުނި ގޮތުގައި ހ. ފިލިކުރިގޭ އާމިރު ހޯދަނީ ގިނަ މައްސަލަތަކަކާ ގުޅިގެންނެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މުސްލިމް ފިރިހެނުން ހިތާނުކުރަން ނުޖެހޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދެއްކުމާއި، އިސްލާމިކް މިނިސްޓްރީ ނައްތާލަން ގޮވާލުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ގޮތަކަށް އޭނާ ދަނީ ޓިކްޓޮކްގައި ތަފާތު ވާހަކަތައް ފަތުރަމުން ކަމަށް ފުލުހުން ބުންޏެވެ. އާމިރު އާންމުކޮށް ދިރިއުޅެމުން ދަނީ ބިދޭސީއަކާ ކައިވެނިކޮށްގެން ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ބައެއް ފަހަރު އޭނާ ރާއްޖެ އައިސް އުޅޭ ކަމަށް ފުލުހުންނަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޓިކްޓޮކްގައި އޭނާ ހަދާފައިވާ ގުރޫޕަކަށް ދިވެހިން ވައްދައިގެން، ދީނަށް ހަޖޫޖަހާ އެހެން މީހުންނާ ގުޅިގެން އޭނާ ދަނީ ލައިވްކޮށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ. މި މައްސަލަތަކުގެ ތަހުގީގަށް އާމިރު ހާޒިރުވުމަށް ފުލުހުން ވަނީ ވަކި ތާރީހެއް ކަނޑައަޅާފައެވެ. އެގޮތުން އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ. ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ފުލުހުން ދަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލަމުންނެވެ.
