ހުޅުމާލެ ފޭސް 2 ގައީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ "އަމާން އުދަރެސް" މަޝްރޫއުގެ ފްލެޓެއް، ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓާއެއްގެ ގޮތުގައި ބޭނުންކުރުމަށް ކުއްޔަށް ދޫކުރި މައްސަލައެއްގައި އެ ތަނުގެ ވެރިފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިއީ އެއްބަސްވުމާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ.
މި މައްސަލައާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އަމާން އުދަރެސްގެ ތިން ކޮޓަރީގެ އެޕާޓްމަންޓަކުން ދެ ކޮޓަރި ނޭޕާލް ބަޔަކަށް ލޭބާ ކުއާޓާސްގެ ގޮތުގައި ކުއްޔަށް ދީފައިވާ ކަމުގެ ރިޕޯޓު މިމަހުގެ ކުރީކޮޅު ލިބިފައިވާ ކަމަށެވެ. އެކަން އެނގުނު ހިސާބުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެހެން ޔުނިޓެއްގެ ވެރިފަރާތް ރަށެއްގައި ދިރިއުޅެމުން، އެ ފްލެޓް ދިވެހި އާއިލާއަކަށް ކުއްޔަށް ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
ފްލެޓްތަކުގެ އަސްލު ކުއްޔަކީ 9,000 ރުފިޔާ ކަމަށްވީ ނަމަވެސް، ބައެއް ފަރާތްތަކުން 25,000 ރުފިޔާއަށް ވުރެ ބޮޑު އަގުގައި ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. ފްލެޓް ދޫކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށާއި، މިއީ ފްލެޓް އަތުލުމުގެ ފުރުސަތު އޮތް ހާލަތެއް ކަމަށް އެފްޑީސީން ހަނދާންކޮށްދެއެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ދޫކުރާ މިފްލެޓްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ކުރިއަށްދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
