ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު އައިޝަތު އަޒީމާ، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ނޭޕާލްގެ ރައީސް ރާމްޗަންދުރަ ޕައުޑެލްއަށް މިއަދު އަރުވައިފިއެވެ. މި ފަތްކޮޅު އެރުވުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ ކަތުމަންޑޫގައި ހުންނަ ނޭޕާލްގެ ރައީސްގެ އޮފީސް، ރާޝްތުރަޕަތީ ބަވަންގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ނޭޕާލްގެ ރައީސް ވަނީ ސަފީރު އަޒީމާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ސަފީރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސަފީރު އަޒީމާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ނޭޕާލްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.

މި ރަސްމީ ދަތުރުފުޅުގައި ސަފީރު އަޒީމާ ނޭޕާލްގެ ފޮރިން މިނިސްޓަރާއި، ހެލްތު މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސަފީރު އަޒީމާ އަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް މެއެވެ. އޭނާ ނޭޕާލްގެ ނޮން-ރެޒިޑަންޓް ސަފީރުކަމަށް ރައީސް މުއިއްޒު އައްޔަންކުރެއްވީ 17 ޖޫން 2025 ގައެވެ.