ސުޝާންތުގެ މަރުގެ ތަހުގީގުގައި މުމްބައި ފުލުހުންގެ ބޮޑު އިހުމާލު އޮތްކަމަށް ބެލެވި، ސީ.ބީ.އައި އަށް މި މައްސަލަ ދިޔައިރު ހެކި ނައްތާލާނެ ފުރުސަތު ދީފާވަކަމަށްވެސް ވަނީ މުމްބައި ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވިފައެވެ. ސުޝާންތުގެ މަރަށް  2 މަސްވެގެން ދިޔަ އިރުވެސް އެފް.އައި.އާރު ފައިލްކޮށް މައްސަލައިގެ އެއްވެސް ތަހުގީގެއް މުމްބައި ފުލުހުން ކޮށްފައެއް ނުވެއެވެ. ބައެއް މީހުނާ ސުވާލު ކުރެވުނެވެ.

ސީ.ބީ.އައި އަށް މައްސަލަ ހަވާލުވުމާއި އެކު އިއްޔެއާއި  މިއަދުވެސް ސީ.ބީ.އައިގެ ޓީމްތައް ސުޝާންތުގެ ގޭގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި ސުޝާންތު މަރުވި އިރު އެގޭގައި ތިބި 3 މީހުނާ ވަރަށް ގިނަ ވަގުތު ސުވާލު ކުރެވުނެވެ. މިއަދު ވެސް އެ ސުވާލުތައް ތަރުރާރު ކުރަމުންދިޔައީ އެ ތިން މީހުންގެ ބަޔާނުގައި ކަންބޮޑުވާ ވަރަށް ތަފާތުތައް ހުރުމުންނެވެ. މީގެ އިތުރުން ސީ.ބީ.އައި ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް ސުޝާންތު ދިޔަ ކަމަށް ބުނާ ޑޮކްޓަރާ ވެސް ބައްދަލުކޮށް އޭނާގެ ބަޔާންވެސް ނަގާފައެވެ. މީގެ އިތުރުން ސުޝާންތު މަރުވި އިރު ދިރިއުޅެމުންދިޔާ ގޭގެ ވެރިޔާ ވެސް ސީ.ބީ.އައި އަށް ވަނީ ހާޟިރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ސުޝާންތު ދިރިއުޅެމުން ދިޔަ ގޭގެ ހުރިހާ ފަރުނީޗަރު ބަދަލުކޮށް ފާރުތަކުގައި ކުލަ ލުމަށްފަހު، ސުޝާންތުގެ ރަހްމަތްތެރިޔާ ސިއްދާތު ޕިޓާނީ ވަނީ ގޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ހިނގަމުންދާ މައްސަލަތަކާ ގުޅިގެން އަހަރު ދެ އަހަރު ވަންދެން އިމާރާތްތައް ސީލްކޮށްފައި ބެހެއްޓުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މުޅިދުނިޔެއަށް ހުޅުވާލައިގެން މި މައްސަލައާ ގުޅޭ ބަހުސްތައް ހިނގަމުން ދަނިކޮށް މިހެން އިމާރާތުގެ ކުލަ ބަދަލުކޮށް ވެރި ފަރާތާ ހަވާލުކުރުމުން މިތަނުން ސީ.ބީ.އައި އަށް ހެއްކެއް ފެނުމުގެ އުއްމީދުވަނީ ކުޑަވެފައެވެ. ނަމަވެސް ސީ.ބީ.އައި އިން މިތަނުން ލިބެންހުރި ފޮރެންސިކް ހެކި އެއްކޮށް، މެޑިކަލް ޓީމަކުންވެސް މި ގޭގައި ވަނީ ހަރަކާތްތެރިވެފައެވެ.

މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ރިޔާ ޗަކްރަބަރތީ އަށް ސީ.ބީ.އައި އިން މިއަދު ތަކުރާރުކޮށް ގުޅާ، އެމީހުން މަރުކަޒު ހަދައިގެން ތިބި ގެސްޓް ހައުސްއަށް އައުމަށް އެދިފައެވެ. ނަމަވެސް ރިޔާ މިކަމަށް ދެކޮޅު ހަދާ ބުނެފައިވަނީ ރިޔާ ގޮސްފިނަމަ އެތަނުގައި އޭނާ ހައްޔަރުކޮށްފާނެކަމުގެ ބިރު އޮތް ކަމަށެވެ. ހައްޔަރު ނުކުރާނެކަމަށް ބުނުމުން ވެސް ރިޔާ ސީ.ބީ.އައި އާ ބައްދަލުކޮށްފައި ނުވުމުން މާދަމާ ރިޔާގެ ގެއަށް ސީ.ބީ.އައި އިން ޒިޔާރަތްކޮށްފާނެކަމަށް ގިނަ މީޑިޔާތަކުން ލަފާކުރެއެވެ.