ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށާއި ހުޅުލޭ އެއާޕޯޓުގައި ވެސް ވޯޓުފޮށި ނުބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަނީ އެ ގައުމަކަށް ވޯޓުލާން މަދުވެގެން 2,000 މީހުން ރަޖިސްޓްރީވުމުންނެވެ. ނަމަވެސް، ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ގައުމަކުން އެ އަދަދު ހަމަވެފައެއް ނުވެއެވެ. އެންމެ ގިނައިން މީހުން ރަޖިސްޓްރީވި މެލޭޝިޔާއިން ވެސް ފޯމު ހުށަހެޅީ އެންމެ 499 މީހުންނެވެ. އަދި ސިނާއީ ރަށްރަށުގައި ފޮށި ބަހައްޓަން ބޭނުންވާ 30 މީހުންގެ އަދަދު ހަމަވެފައިވަނީ އެންމެ 21 ރިސޯޓުންނެވެ.
ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަނަށް ރަޖިސްޓްރީވި މީހުންނަށް، އެހެން ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމަށް އިތުރު މުއްދަތެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފީހުން ބުންޏެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ މީހުން ވޯޓުލާން ޖެހޭނީ އެ މީހަކު ރަށްވެހިވެފައިވާ ރަށެއްގައެވެ. މި ފަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް ޖުމްލަ 26,454 ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
