ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް 15،200 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ދަފްތަރުގައި ޖުމްލަ 15،236 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6،410 އަންހެނުންނާއި 8،826 ފިރިހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ 5،160 ކުދިން މި ދަފްތަރުގައި ހިމެނެއެވެ. އަދި އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،697 މީހުންނާއި، 65 އަހަރުން މަތީގެ 2،379 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން ޖަނަވަރީ މަހު އެކަނި ވެސް ޖުމްލަ 16.9 މިލިއަން ރުފިޔާ ތެރަޕީތަކަށް އެންސްޕާއިން ހަރަދުކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއަރަލް ތެރަޕީއަށެވެ. އެއީ 340 ފަރާތަކަށް 4.9 މިލިއަން ރުފިޔާއެވެ.
ބިހޭވިއަރަލް ތެރަޕީގެ އިތުރުން ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށާއި ސްޕީޗް ތެރަޕީއަށެވެ. އޮކިއުޕޭޝަނަލް ތެރަޕީއަށް 323 ފަރާތަކަށް 4.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސްޕީޗް ތެރަޕީއަށް 332 ފަރާތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ އޮފީހުން ބުންޏެވެ. މީގެ އިތުރުން އެޑިއުކޭޝަނަލް ތެރަޕީ، ފިޒިއޯތެރަޕީ އަދި ސައިކޯ ތެރަޕީ ފަދަ ފަރުވާތަކަށް ވެސް ހަރަދުކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފުރިހަމައަށް ދިނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި، ގައުމީ ދަފްތަރު އެކުލަވާލައި އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
