މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ވެމްކޯ ސައިޓުގައި ހިނގި މި ހާދިސާއާ ގުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުން ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

.މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންދަމު 3:00 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ވެމްކޯގެ ޑްރައިވަރެއް ކަމަށްވާ ހަސަން ނަޒީރު އަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 12 ނުވަތަ 13 ފޫޓު އުސްމިނުގައި ހުރި ރޭމްޕް މަތިން ތިރީގައި ހުރި ކޮންޓޭނަރަކަށެވެ.