އިސްލާމް ދީނަކީ އުފާކުރަން ދަސްކޮށްދޭ ދީނެއްކަމަށާއި، ރޯދަ މަހަކީ ރޯދަވެރިޔާއަށް ދުނިޔެއާއި އާހިރަތުގައި ލިބޭ ނިއުމަތްތަކުގެ ސަބަބުން އުފަލާއި ބާއްޖަވެރިކަން ގެނެސްދޭ މަހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޯދަ މަހުގެ ރޭތައް އިހުޔާކުރުމަށް ބާއްވާ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރޯދަ މަހަކީ އަޅުކަމާއި ބާއްޖަވެރިކަމުގެ މަސް" މި މައުޟޫއަށް ވާހަކަފުޅު ބިނާކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމް ދީނަކީ އުފަލުގެ ދީނެއް ކަމަށާއި އުފާކުރަން ނަސޭހަތްތެރިވާ ދީނެއް ކަމަށެވެ. އަދި އުފާވެރިކަމަކީ ވެސް އަޅުކަމެއް ފަދަ ކަމެއް ކަމަށް ސިފަކުރައްވައި، އޭގެ ސަބަބުން ހިތްތައް ސާފުވެ، އެންމެން ގުޅިގެން މަސައްކަތް ކުރުމުން އިޖުތިމާއީ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަސޫލާގެ ހަދީސްފުޅެއްގެ އަލީގައި ރައީސް މައުމޫން ވަނީ ރޯދަވެރިޔާއަށް ލިބޭ ދެ އުފަލެއްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެއީ ރޯދަ ވީއްލާ ވަގުތު އޭނާއަށް އިހުސާސްކުރެވޭ އުފަލާއި، މާތް الله ގެ ހަޟުރަތަށް ދާ ހިނދު ރޯދަވެރިޔާއަށް ލިބޭނެ އުފާކަން އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ. ރޯދަ މަހު މުސްލިމުން ކުރާ ރޫހާނީ ދަތުރުގެ މޭވާއަކީ ތަގުވާވެރިކަން ކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ އިތުރު އުފަލާއި ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް މައުމޫންގެ އިތުރުން ޑރ. ސައުދުﷲ އަލީ ވެސް ވަނީ "ހަރުދަނާ އިސްލާމީ ޝަހުސިއްޔަތެއް ބިނާކުރަނީ ކިހިނެއް؟" މި މައުޟޫއަށް ދަރުސް ދެއްވާފައެވެ. މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރެއްގެ ރޯދަ މަހު ކުރިއަށްގެންދާ މި އިހުޔާ ޕްރޮގްރާމަކީ ރައީސް މައުމޫންގެ އިސްނެންގެވުމުގެ މަތިން 2010 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުހިންމު ދީނީ ޕްރޮގްރާމެކެވެ.
