ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ޕޮކެމޯން" ފްރެންޗައިޒްގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ވަރަށް ފުރިހަމަ ތައްޔާރީތަކެއް ފަށައިފިއެވެ. މި މުނާސަބަތު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީ 2026 ގައެވެ.
މިދިޔަ ހޯމަ ދުވަހު (23 ފެބްރުއަރީގައި) ދަ ޕޮކެމޯން ކޮމްޕެނީން ހާމަކުރި ގޮތުގައި، މި އަހަރީ ދުވަހުގެ ކެމްޕޭނުގެ ދަށުން 1،000 އަށްވުރެ ގިނަ ޚާއްޞަ ލޯގޯ ތައާރަފްކުރާނެއެވެ. މި ލޯގޯތަކަކީ މި ފްރެންޗައިޒްގެ ދިގު ދަތުރާއި، އެކި ޖީލުތަކުގެ ސަޕޯޓަރުންނާ އޮތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ފަރުމާކުރެވޭ އެއްޗެހިތަކެކެވެ. މީގެ ތެރޭގައި އެންމެ މަގުބޫލު ކެރެކްޓަރ "ޕިކަޗޫ" އާއި އެކި ސަރަހައްދުތަކުން ފެނިފައިވާ ތަފާތު ވައްތަރުގެ ޕޮކެމޯންތައް ހިމެނޭނެއެވެ.
"ގޭމް ރަންޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާތަނަށް ފެނިފައިވާ ހުރިހާ ވައްތަރެއްގެ ޕޮކެމޯންތައް ހިމެނޭހެން ތަފާތު ފަރުމާތައް ވަނީ ތައްޔާރުކޮށްފައެވެ. މި ބްރޭންޑިންގ ކެމްޕޭން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އިޝްތިހާރު ކުރުމުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރާނެއެވެ.
ޕޮކެމޯންގެ ފެށުމަށް ބަލާއިރު، މި ސިލްސިލާގެ އެންމެ ފުރަތަމަ ގޭމްތައް ކަމަށްވާ "ޕޮކެމޯން ރެޑް" އަދި "ޕޮކެމޯން ގްރީން" ޖަޕާނުގައި ނެރުނީ 27 ފެބްރުއަރީ 1996 ގައެވެ. އޭގެ ފަހުން 1998 ވަނަ އަހަރު ބައިނަލްއަގުވާމީ މާކެޓަށް ނުކުމެ، މިއީ ދުނިޔޭގައި އެންމެ ކާމިޔާބު އެންޓަޓެއިންމަންޓް ބްރޭންޑްތަކުގެ ތެރޭގައި ހިމެނިގެންދިޔައެވެ.
މީގެ އިތުރުން، ކުރިން ނެރެފައިވާ "ޕޮކެމޯން ފަޔަރ-ރެޑް" އަދި "ޕޮކެމޯން ލީފް-ގްރީން" ނިންޓެންޑޯ ސްވިޗް އަށް ތައާރަފްކުރަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. މިއީ ސަބްސްކްރިޕްޝަން އަކާ ނުލައި ވަކިން ގަނެވޭ ގޮތަށް ނެރޭނެ ގޭމްތަކެއް ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް "ޕޮކެމޯން ޕްރެޒެންޓްސް" ބްރޯޑްކާސްޓްގައި އިތުރު އައު މައުލޫމާތުތަކާއި، އައު ޕްރޮޖެކްޓްތައް އިއުލާންކުރާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި ވީޑިއޯ ގޭމްގެ އިތުރުން ފިލްމާއި، ކާޓޫނާއި، ޓްރޭޑިންގ ކާޑު ފަދަ އެކި ދާއިރާތަކުން ޕޮކެމޯން ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
