ފެނަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ އެންމެ މުހިންމު އަސާސެވެ. ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ބަހައްޓައިދެނީ ފެނުގެ އެހީގައެވެ. ހަށިގަނޑުން ކުޑަ މިންވަރަކަށް ފެން މަދުވުމަކީވެސް މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ފެން މަދުވުމުގެ (ޑީހައިޑްރޭޝަން) މައްސަލައަކީ ހަމައެކަނި ބުރަ މަސައްކަތެއް ކުރުމުން ނުވަތަ ދުވުމުން ދިމާވާ ކަމެއް ނޫނެވެ. ގިނަ އިރުތަކެއް ވަންދެން ފެން ނުބޮއެ ހުރުމަކީވެސް މި މައްސަލަ ކުރިމަތިވާނެ ސަބަބެކެވެ.
ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހަކީ ހަށިގަނޑުން ފެން މަދުވުމުގެ ބިރު ބޮޑު މަހެކެވެ. ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއެ ތިބޭއިރު، ހަށިގަނޑުގެ ގުނަވަންތަކުން ދަނީ ހަކަތަ ބޭނުންކުރަމުންނެވެ. ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި، ހަށިގަނޑުގައި ހުންނަންޖެހޭ ފެނުގެ މިންވަރުން އެންމެ 1 ނުވަތަ 2 އިންސައްތަ މަދުވުމަކީވެސް މަސައްކަތްތައް ކުރުމަށް ނުކުޅެދޭ ވަރުގެ ބޮޑު ބަދަލެކެވެ. ނަމަވެސް، ފެން މަދުވުމުގެ ކުރީކޮޅުގެ އަލާމާތްތަކަކީ އެހެން ބަލިތަކާވެސް ގުޅުންހުރި އަލާމާތްތަކަކަށް ވާތީ، އެއީ ފެން މަދުވުމުގެ ސަބަބުން ވާކަމެއްކަން ދެނެގަތުން ގިނަ ފަހަރަށް އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. ކަރުހިއްކުމަކީ މީގެ އެންމެ ފާހަގަކޮށްލެވޭ އަލާމާތް ކަމުގައި ވިޔަސް، އިތުރު އެހެން ނިޝާންތަކަށް ސަމާލުވުން މުހިންމެވެ.
އަނގަ ހިކުމާއި ނުބައި ވަސް ދުވުން
އަނގައިން ނުބައި ވަސް ދުވުމަކީ ހަށިގަނޑުން ފެން މަދުވުމުގެ މުހިންމު ނިޝާނެކެވެ. ހަށިގަނޑުގައި ފެން މަދުވުމުން ކުޅު އުފައްދާ މިންވަރު ދަށްވެއެވެ. ކުޅަކީ އަނގައިގައި ހުންނަ ކާނާގެ ކުނޑިތައް ނައްތާލައި އަނގަ ސާފުކޮށްދޭ އެއްޗެކެވެ. ކުޅު މަދުވުމުން އަނގައިގައި ބެކްޓީރިއާ އުފެދި، ނުބައި ވަސް ދުވަން މެދުވެރިވެއެވެ. ރޯދަ ވީއްލުމަށްފަހު ފެން ބުއިމުން މި ވަސް ފިލައިދާނަމަ، އެއީ ފެން މަދުވުމުގެ ސަބަބުން ދިމާވި ކަމެއްކަން ޔަގީންވެއެވެ. ހަމައެހެންމެ، އަނގަ ތަތްލުމާއި އަބަދު ކަރުހިއްކުން އިހުސާސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
މަސްތަކުގައި ރިއްސުމާއި ވާޅުވުން
ކަސްރަތު ކުރާއިރު ނުވަތަ ހަރަކާތްތެރިވެ އުޅޭއިރު މަސްތަކުގައި ރިއްސާނަމަ، އެއީ ހަށިގަނޑުން ފެނާއި އިލެކްޓްރޯލައިޓްސް (ސޯޑިއަމް އަދި ޕޮޓޭސިއަމް) މަދުވުމުގެ ނަތީޖާއަކަށް ވެދާނެއެވެ. މި މައުދަނުތަކަކީ ހަށިގަނޑުގެ ފެނުގެ މިންވަރު ހަމަހިފަހައްޓައިދީ، ނާރުތަކުގެ މަސައްކަތްތައް ތަރުތީބުކޮށްދޭ އެއްޗެކެވެ. ފެން މަދުވުމުގެ ސަބަބުން މަސްތަކަށް ދިމާވާ މި އުނދަގުލަކީ ހަމައެކަނި ބުރަ ކަސްރަތު ކުރާ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. އާދައިގެ ހިނގުމެއްގައި އުޅޭއިރުވެސް މަސްތަކަށް ބާރުވެ، ތަދުވާނަމަ އެއީ ފެން ބޯންޖެހޭކަމުގެ އިޝާރާތެކެވެ.
ބޮލުގައި ރިއްސުން
ހަށިގަނޑުން ކުޑަކޮށް ފެން މަދުވުމުންވެސް ބޮލުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއް ފަހަރު މިއީ މައިގްރޭން ފަދަ ބަލިތައް އިތުރަށް ގޯސްކޮށްލާ ކަމެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ފެން މަދުވުމުގެ ސަބަބުން ސިކުނޑީގެ ޓިޝޫތައް ކުޑަކޮށް ހިކި، އޭގެ ސަބަބުން ބޮލުގައި ރިއްސުން އުފެދެއެވެ.
ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން
ހަށިގަނޑުގައި ފެން ހުރި މިންވަރު ދެނެގަތުމަށް އޮތް އެންމެ ފަސޭހަ މަގަކީ ކުޑަކަމުދާ ތަކެތީގެ ކުލައަށް ބެލުމެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ރީނދޫ ކުލައެއްގައި ހުރިނަމަ، އެއީ ހަށިގަނޑަށް ފެން ބޭނުންވެފައިވާ ކަމުގެ ސާފު ހެއްކެކެވެ. ގިނައިން ފެން ބޯނަމަ ކުޑަކަމުދާ ތަކެތީގެ ކުލަ ހުންނާނީ މަޑު ރީނދޫ ނުވަތަ ސާފު ފެން ކުލައެއްގައެވެ.
ބޯއެނބުރުމާއި މޭނުބައިކުރުން
ކުއްލިއަކަށް ބޯއެނބުރުން ނުވަތަ މޭނުބައިކުރުން ފަދަ ކަންކަމަކީ ބައްޔެއްގެ އަލާމާތަކަށް ވުން އެކަށީގެންވީ ނަމަވެސް، މިއީ ފެން މަދުވުމުގެ ސަބަބުންވެސް ދިމާވާ ކަމެކެވެ. ފެން މަދުވުން އިންތިހާއަށް ދިއުމުން ހުން އައުމާއި ހީކެރުވުން ފަދަ އަލާމާތްތައްވެސް ފެނިދާނެއެވެ.
ބަނޑުހައިވުމުގެ އިހުސާސްވުން
ބައެއް ފަހަރު ކައި ނިމޭތާ މާގިނަ އިރުތަކެއް ނުވަނީސް އަލުން ބަނޑުހައިވާ ކަމުގެ އިހުސާސް ކުރެވިދާނެއެވެ. ނަމަވެސް، މިއީ އަސްލު ބަނޑުހައިވުމުގެ ބަދަލުގައި ކަރުހިއްކުމުގެ ސިގްނަލަކަށް ވެދާނެއެވެ. ސަބަބަކީ ބަނޑުހައިވުމާއި ކަރުހިއްކުން ކޮންޓްރޯލް ކުރަނީ ސިކުނޑީގެ އެއް ބަޔަކުން ކަމަށްވާތީއެވެ.
ވަރުބަލިވުން
ހަށިގަނޑުގެ ހަކަތަ ހަމަހިފެހެއްޓުމަށްޓަކައި ފެން ބޭނުންވެއެވެ. ސެލްތަކަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމާއި ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރަނީ ފެނުގެ އެހީގައެވެ. ފެން މަދުވުމުން މި ނިޒާމަށް ބުރޫއަރައި، މީހާ މާބޮޑަށް ވަރުބަލިވެ، ލޮޑުވާ ގޮތްވެއެވެ. މީގެ އިތުރުން ފެން މަދުވުމަކީ ނިދުމަށްވެސް އުނދަގޫވާނެ ކަމެކެވެ.
ވީމާ، ޚާއްޞަކޮށް ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެން ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ. ހަށިގަނޑުން ފެން މަދުވުމުގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެކަމަށް ފަރުވާތެރިވުމަކީ ދިމާވެދާނެ ބޮޑު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.
