މާލޭގެ މަގުތަކަކީ ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަޖައްސާލަން ނުކުމެ އުޅޭ ތަންތަނެވެ. ނަމަވެސް، ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުން އިވިގެން ދިޔައީ ބިރުވެރި އަޑެކެވެ. އެ އަޑާއެކު މުޅި ގައުމަށް މިއަދު މިވަނީ ފުން ހިތާމައަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ 16 އަހަރުގެ ޅަ ކުއްޖެއްގެ ފުރާނަ، ނުރައްކާތެރި އެކްސިޑެންޓެއްގައި މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހިތްދަތި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:39 އެހާކަންހާއިރުއެވެ. ބޮޑުތަކުރުފާނު މަގުގެ ޓްރެފިކް ލައިޓް ކައިރިން އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގުގެ ޕޭވްމަންޓް މައްޗަށް އެރުމުގެ ސަބަބުންނެވެ. އެ ހިނދުކޮޅުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުން، އުފާވެރި މާދަމާއަކަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ ކުއްޖެއްގެ ނޭވާ ވަނީ މިލާމޯޅިވެފައެވެ. މި ނުރައްކާތެރި އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އަދި އޭގެ ފަހަތުގައި އިނީ މިއަދު އަޅުގަނޑުމެންނާ ވަކިވެދިޔަ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖާއެވެ.
އެކްސިޑެންޓާއެކު ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އެ ކުޑަކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. އާއިލާއަށް ލިބުނީ ދުވަހަކުވެސް ފިލައިގެން ނުދާނެ ފުން ޒަހަމެކެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާގެ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސެއް ވެސް ނެތެވެ. ގާނޫނީ ގޮތުން އުޅަނދު ދުއްވުމުގެ ހުއްދަ ނެތް މީހަކު، މާލޭގެ ބާރުބޮޑު މަގުތަކުގައި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ނަތީޖާއަކަށްވީ، މައުސޫމް ފުރާނައެއް ގެއްލިގެން ދިއުމެވެ.
ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުމަކީ މިއަދު ރާއްޖޭގައި އާންމުވެފައިވާ، އަދި ހައްލެއް ނުލިބި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. މަގުތަކަކީ ރައްކާތެރި ތަންތަން ކަމުގައި ވުމުގެ ބަދަލުގައި، ބައެއް ޒުވާނުންނަށް މިއީ ރޭސް ޖަހައި، ސްޓަންޓް ހަދާ ތަންތަނަށް ވަނީ ވެފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް އާއިލާއެއް އުމުރަށް ރޮއްވާލައެވެ. މިފަދަ ހާދިސާތަކުގައި ގިނައިން ގެއްލިގެން ދަނީ ގައުމުގެ މުސްތަގުބަލު ކަމުގައިވާ ޒުވާނުންނާއި ކުޑަކުދިންގެ ފުރާނައެވެ. މިއީ މުޅި ގައުމަށް ލިބޭ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެކެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ލައިސެންސް ނެތި އުޅަނދު ދުއްވުމާއި، ގަވާއިދުތަކާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށް މުޖުތަމައު އެއްބައިވެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.
