ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ފިޔާ އަދި އަލުވީގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. މިއީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެ ކުންފުނިން ގެނައި ބަދަލާއެކު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 10 ރުފިޔާއަށެވެ. އަދި 250 ރުފިޔާއަށް ވިއްކަމުންދިޔަ ފިޔާ ބަސްތާއެއްގެ އަގު ވަނީ 190 ރުފިޔާއަށް ދަށްކޮށްފައެވެ. މީގެ އިތުރުން ކުރިން 14 ރުފިޔާއަށް ވިއްކި އަލުވި ކިލޯއެއް 12 ރުފިޔާއަށް ކުޑަކޮށް، 300 ރުފިޔާއަށް ވިއްކަމުންދިޔަ އަލުވި ބަސްތާއެއްގެ އަގު ވަނީ 160 ރުފިޔާއަށް ހެޔޮކޮށްފައެވެ.
އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ކުރިއަށް އޮތް ރޯދަ މަސް އައުމާ ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. އަދި ގަނޑުކޮށް އެ ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ރޯދަ މަހުގެ ތެރޭގައި ވެސް މި އަގުތަކުގައި ތަކެތި ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.
