މާދަމާ (30 ޖޫން) ގައި މީޑިއާނެޓްގެ މަލްޓި ސްކްރީނުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ގުޅުން" މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ އެންތޮލޮޖީގެ ފުރަތަމަ ސެގްމެންޓްއެވެ.

ޢާއިޝަތު ފުވާދު ތައުފީޤް ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ 20 ވަރަކަށް މިނެޓުގެ މި ކުރު ފިލްމަކީ އަބަދުވެސް އާ ކަންތައްތައް ތަޖުރިބާ ކުރުމަށް އިސްކަންދޭ ޑާކް ރެއިން އެންޓަޓެއިންމެންޓަށް ވަރަށް ޚާއްސަ ފިލްމެކެވެ. ސަބަބަކީ މި ފިލްމަކީ ވަން ޝޮޓުން ނަގާފައިވާ ފިލްމަކަށް ވުމުންނެވެ. މިއީ މިގޮތަށް ފުރަތަމަ ޝޮޓުން ފެށިގެން އެންމެ ޝޮޓަކަށްވެސް މެދުކަނޑާނުލައި ނިމެންދެން ޝޫޓްކުރި ފުރަތަމަ ދިވެހި ފިލްމެވެ.

ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާ މި ފިލްމު ކެމެރާ ކުރީ ޙުސައިން އަދުނާނު (ހުސޭނު) އެވެ. ވިޝާލް ޒަކީ ވިޝުއަލް އިފެކްޓްތައް ހަދައިދިންއިރު ސައުންޑް އެޑިޓިންގ އަދި މިކްސިންގ ހެދީ ޢަލީ ޝިފާއު (ޗިއްޕެ) އެވެ. މޭކަޕް އާޓިސްޓަކީ ޙަސަން އާދަމްއެވެ.

ޢާއިޝަތު ރިޝްމީ ރަމީޒް، ރަވީ ފާރޫޤް، ﷲޢަބްދު ޝާފިޢު އިބްރާހީމް (ފުބޫ)، އާމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން އާމިނަތު ޝަމާނާ މައިގަނޑު ރޯލުތައް ކުޅެފައިވާ "ގުޅުން" ގައި ހުރިހާ ފަންނާނުންގެ ފަރާތުންވެސް މޮޅު އެކްޓިންގއެއް ފެނިގެންދާނެކަން ފިލްމުގެ ޓްރެއިލަރއިން ހާމަވެއެވެ.