އުރީދޫ ރާއްޖެ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން މި ރޯދަ މަހު ބާއްވާ އީ-ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 11:59 އަށް ހަމަވާނެއެވެ. ޒުވާނުންގެ މެދުގައި ވާދަވެރި ގޭމިން ސަގާފަތެއް އުފައްދައި، ރޯދަ މަހު ޑިޖިޓަލް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މި ފެސްޓިވަލް މިއީ ވިދިވިދިގެން ބާއްވާ ދެވަނަ އަހަރެވެ.
މި ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް މުބާރާތުގެ ރަޖިސްޓްރޭޝަން ވަނީ ކުރިން ނިމިފައެވެ. ނަމަވެސް، ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ އީއޭއެފްސީ އަދި ޓެކެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވާދަވެރި މުބާރާތްތަކުގެ އިތުރުން، ޔޫތު ހަބަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ގޭމިން ތަޖުރިބާތަކެއް ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބީޓް ސޭބާ އާއި ރޭސިން ސިމިއުލޭޓަރު ފަދަ އިންޓަރެކްޓިވް ގޭމްތައް ކުޅުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ. ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމަށް ސްޕޯޓްސް މިނިސްޓްރީން ކުރާ މަސައްކަތަށް އުރީދޫގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
