މި އަހަރު ބޭއްވި އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފިއެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެއަކަށް 100 ޕަސަންޓު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ދީފައިވާ އެވޯޑެކެވެ. ދިރާގުން ބުނި ގޮތުގައި މިއީ ރާއްޖޭގެ ޑިޖިޓަލް އިންގިލާބުގައި އެ ކުންފުނިން ހާސިލްކުރި ވަރަށް މުހިންމު ލަނޑުދަނޑިއެކެވެ.
ދިރާގުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށާއި ރިސޯޓުތަކުގެ އިތުރުން ސިނާއީ ރަށްތަކަށް 100 ޕަސަންޓު 4ޖީ ހިދުމަތް ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 73 ޕަސަންޓަށް މިހާރު ދިރާގުގެ 5ޖީ ހިދުމަތް ލިބޭއިރު، މިއީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގައި ހޯދި ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެ ކުންފުނިން ބުނީ އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުން ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، މިއީ އެންމެ މަތީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެކެވެ. ރާއްޖޭގެ ކޮންމެ ގޭބީސީއަކަށްވެސް ހައިސްޕީޑް އިންޓަނެޓްގެ ދޮރު ހުޅުވިފައި ހުރުމަކީ ގައުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑް ޓެސްޓުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް' ފަދަ މުހިންމު އެވޯޑުތަކެއްވެސް ލިބިފައެވެ.
