އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކޯޓަކުން، ކުރިއަށް އޮތް ފިލްމު 'ގޫސްކޯރް ޕަންޑިޓް' ގެ ނަމާ ގުޅިގެން އުފެދިފައިވާ މައްސަލައިގައި ފިލްމު އުފައްދާ ނީރަޖް ޕާންޑޭ އާއި ނެޓްފްލިކްސްގެ އިސްވެރިންތަކަކަށް ނޯޓިސް ފޮނުވައިފިއެވެ. މި މަހުގެ 24 ވަނަ ދުވަހު ޖަބަލްޕޫރުގެ ކޯޓަކުން މި ނޯޓިސް ފޮނުވީ، ފިލްމުގެ ނަމުގެ ސަބަބުން ބަޔެއްގެ އަގުވެއްޓޭ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި ވައިބަވް ޕަތާކް ބުނި ގޮތުގައި، ފިލްމުގެ ނަމުގައި ބޭނުންކޮށްފައިވާ ބަހުގެ ސަބަބުން ބްރާހްމިން މީހުންނަކީ ކޮރަޕްޓް ބައެއްގެ ގޮތުގައި ސިފަވެ، އެ މީހުންގެ އަގުވެއްޓެއެވެ. މި މައްސަލާގައި ކޯޓުން ނޯޓިސް ފޮނުވި މީހުންގެ ތެރޭގައި ނީރަޖް ޕާންޑޭގެ އިތުރުން ނެޓްފްލިކްސްގެ ރީޑް ހޭސްޓިންގްސް، ޓެޑް ސަރަންޑޯސް، ބޭލާ ބަޖާރިއާ އަދި މޮނިކާ ޝާގިލް ހިމެނެއެވެ. މިއީ ދީނީ އަދި ނަސްލީ ގޮތުން ބަޔަކަށް ހުތުރުވާނެ ފަދަ ނަމެއް ކަމަށް ބުނެ، ފިލްމު ޕްރޮމޯޓްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ އެދިފައެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ވަނީ މި ފިލްމުގެ މައްސަލަ ބަލައިފައެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު ނީރަޖް ޕާންޑޭ ވަނީ ފިލްމުގެ ނަން ބަދަލުކޮށް، އެ ނަން ހިމެނޭ ހުރިހާ އެއްޗެއް ނަގާނެ ކަމަށް ކޯޓުގައި ބުނެފައެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައި ވަނިކޮށް، މަދްޔަ ޕްރަދޭޝްގެ ކޯޓުގައި މި މައްސަލަ ކުރިއަށްދަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައެވެ. މަނޯޖް ބަޖްޕާއީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މައްސަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.