އިންޑިއާގެ ކެރެލާ ހައި ކޯޓުން، އާ ފިލްމު 'ދަ ކެރެލާ ސްޓޯރީ 2 - ގޯސް ބިޔޯންޑް' ނެރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގައިފިއެވެ. މި މަހުގެ 25 ވަނަ ދުވަހު ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކަށްފަހު، މި ފިލްމަށް ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ދީފައިވާ ޔޫ/އޭ ރޭޓިންއާ މެދު ކޯޓުން ވަނީ ސުވާލު އުފައްދާފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްތަކުން ބުނާ ގޮތުގައި ފިލްމުގެ ސަބަބުން ކެރެލާގެ ނަން ކިލަނބުވެ، ދީނީ ހަމަނުޖެހުން އުފެދުމުގެ ފުރުސަތު ބޮޑެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރު ބެޗޫ ކޫރިއަން ތޯމަސް ބުނީ، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ކަންބޮޑުވުންތަކަކީ އަސްލެއް ނެތް ކަންބޮޑުވުންތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން ކޯޓުން ވަކި ގޮތެއް ނިންމަންދެން ފިލްމު ދެއްކުމުގެ ހައްގު އެއްވެސް ފަރާތަކަށް ނުދިނުމަށް ފިލްމު އުފެއްދި ފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި ފިލްމުގައި ހުރި ނާޒުކު މަންޒަރުތަކަށް ބަލާއިރު، މިއީ ހަމައެކަނި ބޮޑެތި މީހުންނަށް ބެލޭނެ 'އޭ' ރޭޓިންގެ ފިލްމަކަށް ނުވެ، ކުޑަކުދިންނަށް ވެސް ބެލޭ ފަދަ ޔޫ/އޭ ރޭޓިންއެއް ދިން ސަބަބާ މެދު ފަނޑިޔާރު ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް އަމްރުތުލާލް ޝާހުގެ ވަކީލުން ބުނީ، ފިލްމަށް ހުއްދަ ދީފައިވަނީ އެކަމަށް ހާއްސަ އިދާރާއަކުން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.
'ދަ ކެރެލާ ސްޓޯރީ' ގެ ފުރަތަމަ ބަޔާ ގުޅިގެން ވެސް އިންޑިއާގައި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، މި އާ ފިލްމާ ގުޅިގެން ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަހުގެ 27 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ތާވަލުކޮށްފައިވާ މި ފިލްމު ދެން އެޅުވޭނެކަން ނުވަތަ ނޫންކަން އެނގޭނީ ކޯޓުން ނިންމާ ފަހު ނިންމުމަކަށް ފަހުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުން އަމިއްލައަށް ފިލްމު ބެލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
