ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖްޕާލް ޔާދަވް ތިހާރު ޖަލުން ވަގުތީ ގޮތުން މިނިވަންވުމަށްފަހު، އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިވެނި ހަފުލާގައި އުފާފާޅުކޮށް ނަށާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. އުމުރުން 54 އަހަރުގެ އެކްޓަރު ޖަލުން މިނިވަންވީ، 9 ކްރޯޑު ރުޕީސްގެ މައްސަލައެއްގައި ދިއްލީ ހައި ކޯޓުން އޭނާއަށް ވަގުތީ ބެއިލް ދިނުމާ ގުޅިގެންނެވެ. އޭނާ ޖަލަށް ލާފައިވަނީ 2010 ވަނަ އަހަރު އުފެއްދި ފިލްމު 'އަތާ ޕަތާ ލާޕަތާ' އަށް ނެގި ލޯނެއް ނުދެއްކި މައްސަލައިގައެވެ.
ކޯޓުން އޭނާ ދޫކޮށްލީ 1.5 ކްރޯޑު ރުޕީސް ދެއްކުމުން، އުއްތަރު ޕްރަދޭޝްގައި އޮތް މި ކައިވެނި ހަފުލާގައި ބައިވެރިވުމަށެވެ. ކައިވެނީގެ ކުރިން ބޭއްވި ހަރަކާތްތަކުގައި، ހާއްސަކޮށް މެހެންދީ ހަފުލާގައި އޭނާ ވަނީ އާއިލާގެ މީހުންނާ އެކު ވަރަށް ފޯރީގައި ނަށާފައެވެ. ސަލްމާން ހާންގެ ފިލްމު 'ހެލޯ ބްރަދާ' ގެ މަޝްހޫރު ލަވަ "ތެރީ ޗުނަރިޔާ" އަށް އޭނާ ނަށާ މަންޒަރު ފެންނަ ވީޑިއޯތަކަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ އުނދަގޫ ދުވަސްތަކަކަށްފަހު އޭނާއަށް ލިބުނު ބޮޑު އުފަލެކެވެ.
މި އުފާވެރި ވަގުތުކޮޅާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަމުން ރާޖްޕާލް ބުނީ، އޭނާއަށް މިވަގުތު ބޭނުންވަނީ މީހުންގެ ހަމްދަރުދީއަށް ވުރެ ބޮޑަށް ވަގުތު ކަމަށެވެ. އަދި ކޯޓުން ދިން ލުޔަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ކައިވެނީގެ އުފާވެރި ހަރަކާތްތަކަށްފަހު، ކައިވެނިކުރި ކުއްޖާ ފުރައިގެން ދިޔަ ވަގުތު ރާޖްޕާލް ވަރަށް ބޮޑަށް ފެންކަޅިވެފައި ހުރި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ އާންމުކޮށްފައެވެ. އޭނާ އެނބުރި ކޯޓަށް ހާޒިރުވާން ޖެހެނީ އަންނަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
