މޭރީ ގެ މަރުގެ ތުހުމަތުވާ މާވިން އިސްލާމް ދީނަށް ވަދެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އިސްލާމް ދީން ގަބޫލުކޮށްފިއެވެ. އިސްލާމް ދީނަށް ވަނުމަށްފަހު އޭނާގެ ނަން މިހާރު ވަނީ ޔޫސުފްގެ ނަމަށް ބަދަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ، ޖަލު ބަންދުގައި ހުރި މާވިން އިސްލާމް ދީން ގަބޫލުކޮށް ނަން ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން ސިޓީއަކުން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ގާޒީ މާވިންއާ މުހާތަބު ކުރެއްވީ ޔޫސުފްގެ ނަމުންނެވެ.

މާވިންގެ މައްޗަށް ދައުލަތުން ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އޭނާ ދިރިއުޅޭ މއ. އުދުހޭ ކޮކާގޭގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލި ކަމަށެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.