ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެ އިންސާނަކަށްވެސް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. ހަމަ އެއާއި އެކު ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކީ އާ ފެށުމަކަށް މަގުފަހިކޮށްދޭ ކަމެކެވެ. ބަލިމަޑުކަމާއި ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، އަމިއްލަ މަސައްކަތުނލ. ކުނަހަންދޫ އަށް ނިސްބަތްވާ ޢާއިޝަތު ސުމައިނާ (ސުމޭ) ގެ ހަޔާތުގައި ހޯދާފައި މިވާ ކާމިޔާބީ އަކީ މީގެ ފުރިހަމަ މިސާލެކެވެ. ދަރިއަކު ލިބުނު ފަހުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، އެކަމާ މެދު އަބަދުވެސް ކަންބޮޑުވުންތަކެއް ހުއްޓެވެ. ބަރުދަން ލުއިކުރުމަށް އެކި ފަހަރު މަތިން މަސައްކަތް ފެށުނު ނަމަވެސް، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނަމަވެސް، 2024 ވަނަ އަހަރު ކުރިމަތިވި ސިއްހީ ބޮޑު ގޮންޖެހުމާއެކު އޭނާގެ ދިރިއުޅުމުގެ މިސްރާބު މުޅިން ބަދަލުވެގެން ދިޔައެވެ.

ކުއްލި ސިހުމާއި ހިތްވަރުގަދަ ނިންމުން
2024 ވަނަ އަހަރުގެ ކުރީކޮޅަކީ ސުމޭގެ ދިރިއުޅުމަށް ބޮޑު ރާޅެއް ބިންދާލި ފަދަ ދުވަސްވަރެކެވެ. ކުއްލި ގޮތަކަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުމަކީ ބަޔާންކުރަން ދަތި ހިތްދަތި ކަމަކަށް ވިއެވެ. އޭރު ދަރިފުޅު ކުޑަވުމާއި، އަދާކުރަމުންދިޔަ ޒިންމާދާރު ވަޒީފާގެ ސަބަބުން ސުމޭގެ ހިތަށް އެތައް ވަސްވާސްތަކެއް ވަނެވެ. "ދެން ކިހިނެއްބާއޭ ވާނީ؟"، "ވަޒީފާއަށް ދެވޭނެބާއޭ؟" މިއީ އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކެވެ.

ނަމަވެސް، މާތްﷲގެ ރަހުމަތާއެކު ސުމޭ އިޚްތިޔާރުކުރީ ހިތްވަރެވެ. އަމިއްލަ ނަފްސުގެ އިތުބާރާއި، ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބުނު ބަދަލެއް ނެތް އެހީތެރިކަމަކީ މި ބަލިމަޑުކަމުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ބަލީގެ ފަރުވާގެ ތެރޭގައި އޭނާ އަމިއްލަ ނަފްސަށް ވީ ވައުދަކީ، އިރާދަކުރެއްވިއްޔާ ބަލިން ފަސޭހަވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ ކަމަކީ ބަރުދަން ލުއިކުރުން ކަމަށެވެ.

.ބަރުދަން ލުއިކުރުމުގެ ދަތުރު
އިންޑިއާއިން ފަރުވާ ފުރިހަމަކޮށް، ކެންސަރު ބަލިން ސަލާމަތްވެގެން ސުމޭ އެނބުރި މާލެ އައީ އާ އުންމީދުތަކަކާއެކުގައެވެ. އޭރު އޭނާގެ ބަރުދަނުގައި ގާތްގަނޑަކަށް 80 ކިލޯ ހުއްޓެވެ. ފުރަތަމަ އަމިއްލައަށް ކަންކަން ރޭވުމަށްފަހު، ފަހުން ވެއިޓްލޮސް ޕްރޮގްރާމެއްގައި ބައިވެރިވެ ސިސްޓަމެޓިކްކޮށް މަސައްކަތް ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވާން ފަށައި، ގާތް ރަހުމަތްތެރިންނާއި އާއިލާއަށް އެ ބަދަލު ފާހަގަވާން ފެށިއެވެ.

.ކެންސަރު ބަލީގެ ތަޖުރިބާއަށްފަހު، މިއަދު ފެންނަން ހުރީ މުޅިން ތަފާތު އާ މީހެކެވެ. ކުރިން ހުރި ނާޒުކު ސިއްހަތުގެ ބަދަލުގައި، މިއަދު މިއީ ސިއްހަތަށް ފައިދާހުރި ކާނާ ކައި، ބަރާބަރަށް ކަސްރަތުކުރާ ހަރަކާތްތެރި މީހެކެވެ. މި ހެޔޮ ބަދަލުތަކަކީ މިހާރު ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަޔެވެ.

" މި ކާމިޔާބީއަކީ ހަމައެކަނި އަމިއްލަ ނަފްސަށް އޮތް ކަމަކަށް ހެދުމުގެ ބަދަލުގައި، އެހެން މީހުންނަށްވެސް މިކަމުން ހިތްވަރު ދޭން ވަރަށް ބޭނުންވޭ" ސުމޭ

އެގޮތުން "ސުމޭގެ ވެއިޓްލޮސް ޖާރނީ" ގައި ބޭނުންކުރި ސިއްހީ ކެއުންތައް ތައްޔާރުކުރާނެ ގޮތުގެ ވީޑިއޯތައް ޓިކްޓޮކް މެދުވެރިކޮށް އަންނަނީ އާންމުކުރަމުންނެވެ. މީގެ ބޭނުމަކީ ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދީ އެހީތެރިވުމެވެ.

https://www.tiktok.com/@aishx_yusuf?_r=1&_t=ZS-94EgZ0Vb8A0

ދިމާވި ގޮންޖެހުންތަކާއި އާ ފެށުން
ބަރުދަން ލުއިކުރުމުގެ މަސައްކަތުގައި ސުމޭއަށް ދެން ދިމާވީ ތަފާތު ގޮންޖެހުމެކެވެ. ޕްރޮގްރާމް ނިމި އާދައިގެ މަތިން ކާން ފެށުމުން، އަނެއްކާވެސް ބަރުދަން އިތުރުވާން ފެށިއެވެ. މިކަން ދެތިން ފަހަރަކު ތަކުރާރުވުމުން އޭނާއަށް އެނގިގެންދިޔައީ، ބަރުދަން ލުއިކުރުމަކީ ހަމައެކަނި ވަގުތީ ޕްރޮގްރާމެއް ނޫން ކަމާއި، އެއީ މުޅި ދިރިއުޅުމުގެ އާދަކާދަތަކަށް ގެންނަންޖެހޭ ދާއިމީ ބަދަލެއް ކަމެވެ.

މި ދަތުރު ފެށުނީ އަމިއްލައަށް ކަންކަން ދިރާސާކުރަން ފެށި ހިސާބުންނެވެ. ސިއްހަތަށް ފައިދާހުރި ގޮތްތަކާއި، ކެއުމަށް ގެންނަންޖެހޭ ބަދަލުތައް އަމިއްލައަށް ދަސްކޮށް، ތަފާތު ރެސިޕީތައް ތައްޔާރުކުރަން ފެށުނެވެ. މިގޮތުން ކެއުމަށް ގެނައި ބަދަލުތަކާއި ގަވާއިދުން ކުރަން ފެށި ކަސްރަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. މާތްﷲގެ އިރާދަފުޅާއެކު، ކުރި މަސައްކަތުން 25 ކިލޯގެ ބަރުދަން ލުއިކުރެވުނެވެ. ކުރިން ހުރި ބަރުދަނުން މިހާރު 55 ކިލޯއަށް ބަރުދަން ވަނީ ތިރިކުރެވިފައެވެ.

" މާތްﷲ ގެ އިރާދަފުޅުން ބަލިން އަރައިގަނެވުނުގޮތަށް ސިއްހަތަށް ފައިދާހުރި ކާނާ ކާން ފެށުމުން މިހާރު ބަރުދަން ލުއިކޮށްލެވިއްޖެ. ކުރިޔާ އަޅާ ބަލާއިރު ވަރަށް ފަސޭހަ އުޅުން. ލޯގަނޑުން ފެންނައިރުވެސް އިހްސާސްވަނީ އެހެންމީހެއްހެން" ސުމޭ ބުންޏެވެ.

ނިންމުން
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ އާއި ގަވާއިދުން ކަސްރަތު ކުރުމަކީ މަޖުބޫރު ދެކަމެވެ. ބަރުދަން ލުއިކޮށް ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެކަމަށް ބޭނުންވަނީ ނުގުޑާނެފަދަ ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ. ސުމޭއަށް މިކަން ކާމިޔާބު ކުރެވުނު ފަދައިން، ހަމަ ކޮންމެ މީހަކަށްވެސް މި ނަތީޖާ ހާސިލްކުރެވޭނެއެވެ.

ސުމޭގެ މި ދަތުރަކީ ކެންސަރު ފަދަ ބޮޑު ބައްޔަކާ ހަނގުރާމަކޮށް، އެކަމުން ހޯދި ހިތްވަރާއެކު ދިރިއުޅުން އާރާސްތުކުރި ގޮތުގެ ނަމޫނާއެކެވެ. ބަރުދަން ލުއިކުރުމުގައި ދިމާވި ހުރަސްތަކާއެކުވެސް، އޭނާ ދައްކުވައިދެނީ އުންމީދު ދޫކޮށްނުލައި މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. މިއަދު އޭނާގެ އަމާޒަކީ ފައިދާހުރި ކާނާއާއި ކަސްރަތުގެ އެހީގައި ދާއިމީ ގޮތެއްގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމެވެ.