ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލް ދުނިޔެ ދޫކުރުމާ ގުޅިގެން މުޅި ފިލްމީ އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ބައްޕަ ނިޔާވުމުގެ ހިތާމައިގައި، ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަދި ކުޅަދާނަ އެކްޓަރު މުހައްމަދު ޖުމައްޔިލް ވަނީ ސޯޝަލް މީޑިއާގައި ވަރަށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. ޖުމައްޔިލް ބުނި ގޮތުގައި ބައްޕަ ނެތުމުން އިހުސާސްކުރެވޭނެ ފަޅުކަން ބަޔާންކޮށްދޭން ވެސް އޭނާއަކަށް ނޭނގެއެވެ.
އިންސްޓަގުރާމުގައި ޖުމައްޔިލް ކުރި ޕޯސްޓުގައި ބުނެފައިވަނީ، ބައްޕައަކީ އަބަދުވެސް އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން އޮންނާނީ އެހެން ކަމަށެވެ. އަދި ބަލި ހާލަތާ ގުޅިގެން ބައްޕަ ވަރަށް ބޮޑަށް ހިތްވަރުކޮށް މަސައްކަތްކުރިކަން ފާހަގަކޮށް، ޖުމައްޔިލް ބުނީ ނިމާލަކީ އެއްވެސް މީހަކަށް ދޮގުނުކުރެވޭނެ ހަގީގީ ލެޖެންޑެއް ކަމަށެވެ. މީގެ އިތުރުން، ބައްޕަ ފަހުރުވެރިވާ ފަދަ ދަރިއަކަށް ވެވުނު ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އުމުރުން 62 އަހަރުގެ ނިމާލް ނިޔާވީ ސްޓްރޯކެއް ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުން ދަނިކޮށް، އައިޖީއެމްއެޗް ގައެވެ. މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި އަދި އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް އޭނާއަށް ފަރުވާ ދީފައިވެއެވެ. ނިމާލް ވަކިވެގެން ދިއުމަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެކެވެ. އޭނާ ވަނީ "ޒަލްޒަލާ"، "ވާލޯބި އެނގޭނަމަ"، "ވީރާނާ" އަދި "ނިއުމާ" ފަދަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.
