ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ ކަސްޓަމަރުންނަށް މިއަހަރުގެ ރޯދަ މަހު ފިތުރު ޒަކާތް ދެއްކުން ވަރަށް ބޮޑަށް ފަސޭހަކޮށްދީފިއެވެ. އެގޮތުން ދިރާގުޕޭ މެދުވެރިކޮށް ރައްކާތެރިކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި ފިތުރު ޒަކާތް ދެއްކުމަށްޓަކައި ދިރާގުޕޭ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް ފައިސާ ދެއްކޭނެއެވެ. އެޕްލިކޭޝަންގެ ހޯމް ސްކްރީންގައިވާ ފީޗާޑް ބައިން ފިތުރު ޒަކާތް ހިޔާރުކޮށްގެން ވަރަށް ފަސޭހައިން މިކަން ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ.

ދިރާގުޕޭގެ އިތުރުން ދިރާގު އެޕް މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެއެވެ. އަދި ހަމައެހެންމެ، ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެ މީހުންގެ ފޯނުގެ ބެލެންސް އިން ވެސް ޒަކާތް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކަން ކުރެވޭނީ ކަސްޓަމަރުންގެ ފޯނުން 454 އަށް ގުޅައިގެންނެވެ.

މި ހިދުމަތްތައް މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ހަވީރު 6:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ. ރޯދަ މަހަކީ އެކަކު އަނެކަކަށް އެހީތެރިވުން މުހިންމު މަހަކަށް ވާއިރު، ރޯދަ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ތަފާތު އޮފާތައް ވެސް ދިރާގުން އަންނަނީ ދެމުންނެވެ.