އިންޑިއާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ އާއި ވިޖޭ ދޭވަރަކޮންޑާ ކައިވެނިކޮށް، އެ މީހުންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ. އިންޑިއާގެ އުދޭޕޫރުގައި އިއްޔެ ބޭއްވި މި ކައިވެނީގެ ހަފުލާތަކަށް ފަހު އާންމުކުރި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ކުލަގަދަކޮށް، ދެ މީހުންގެ އާއިލާ އާއި ގާތް ރައްޓެހިންނާ އެކުގައެވެ.

މި ދެ ތަރިންގެ ސަގާފަތާ ގުޅޭ ގޮތަށް ކައިވެނީގެ ދެ ހަފުލާއެއް ވަނީ ބާއްވައިފައެވެ. އެގޮތުން ހެނދުނު ވަނީ ތެލުގޫ ސަގާފަތާ އެއްގޮތަށް ކައިވެނިކޮށްފައެވެ. އަދި ހަވީރު ވަނީ ރަޝްމިކާގެ އާއިލީ ސަގާފަތާ އެއްގޮތަށް ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. މި ހަފުލާގައި ރަޝްމިކާ އޮރެންޖު ކުލައިގެ ރީތި ސާޅީއެއް ލައިގެން ހުރި އިރު، ވިޖޭ ހުރީ ހުދު ކުލައިގެ ހެދުމެއްގައެވެ. ދެ މީހުންގެ ކައިވެނީގެ ކުރިން ދެ އާއިލާގެ މެދުގައި ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.

ކައިވެނީގެ ކަންކަން ކުރިއަށް ދިޔަ ވަގުތު ދެ މީހުންނަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާއާ ކައިވެނި ކުރެވުމުން ވަރަށް އުފާވާ ކަމަށް ވިޖޭ ބުންޏެވެ. މި ދެ ތަރިންގެ ކައިވެނީގެ ބޮޑު ޕާޓީ އޮންނާނީ އަންނަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ހައިދަރުއާބާދުގައެވެ. މި ޕާޓީގައި އިންޑިއާގެ ފިލްމީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވާނެއެވެ.