ވިޝާލް ބަރަދްވާޖް ޑައިރެކްޓުކޮށް ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އޯ ރޯމިއޯ' އަށް ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ބޮޑު ބަޖެޓަކުން އުފެއްދި މި ފިލްމަށް 14 ދުވަހުގެ ތެރޭގައި ލިބިފައިވަނީ 61 ކްރޯޑު ރުޕީސްއެވެ. ފުރަތަމަ ހަފުތާ ބަންދަށް ފަހު ފިލްމަށް ލިބުނު އާމްދަނީ ވަނީ 65 ޕަސަންޓު ދަށަށް ގޮސްފައެވެ. ގާތްގަނޑަކަށް 120 ކްރޯޑު ރުޕީސްގެ ބަޖެޓަކުން ހެދި މި ފިލްމަށް ތަރުހީބު ކުޑަވީ އާންމުންނަށް ކަމުދާ ގޮތަށް ވާހަކަ ގެނެސްދީފައި ނުވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއާ ހިލާފަށް ތާޕްސީ ޕައްނޫގެ ކޯޓުރޫމް ޑްރާމާ 'އައްސީ' އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. ފިލްމު އެޅުވި ފުރަތަމަ ހަފުތާގައި 7.3 ކްރޯޑު ރުޕީސް ހޯދާފައިވާއިރު، މިއީ ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގިނަ ފިލްމުތަކަށް ހަފުތާ ބަންދަށް ފަހު އާމްދަނީ ދަށްވި ނަމަވެސް، މި ފިލްމަށް އަންނަނީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި އާމްދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ބޮޑެތި ސިޓީތަކުގައި މި ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ކުރިއަށް އޮތް މާޗު މަހު ބޮޑެތި ފިލްމުތަކެއް ނެރުމަށް ތައްޔާރުވަމުން އަންނައިރު، 'އައްސީ' އަށް ލިބޭ އާމްދަނީ ދެގުނަ ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ފިލްމު ގިނަ ދުވަސްތަކެއް ވަންދެން ސިނަމާތަކުގައި ދައްކާނެ ކަމަށް ބެލެވެއެވެ. ނަމަވެސް 'އޯ ރޯމިއޯ' އަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، ކުރިން ރާވާފައިވާ މުއްދަތަށް ވުރެ އަވަހަށް ޑިޖިޓަލް ޕްލެޓްފޯމުތަކަށް އެ ފިލްމު ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
