އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ކުރިމަތިން ފެންނަ މީހާއަކީ ކާކުކަން ވަގުތުން ދެނެގަނެވޭ ފަދަ "ސްމާޓް އައިނެއް" ބާޒާރަށް ނެރުމަށް ތައްޔާރުވެއްޖެއެވެ. މި އައިނު ބޭނުންކުރާ މީހާއަށް، އޭނާގެ ކުރިމައްޗަށް އަންނަ މީހާ ދެނެގަނެވުމުގެ އިތުރުން، އެމީހެއްގެ ފުރިހަމަ ޕްރޮފައިލް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފެންނާނެއެވެ.
'ނިއު ޔޯކް ޓައިމްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޓާ ކުންފުނިން ދަނީ އެ ކުންފުނީގެ ސްމާޓް އައިނަށް 'ފޭޝަލް ރިކޮގްނިޝަން' ނުވަތަ މޫނު ދެނެގަނެވޭ ޓެކްނޮލޮޖީ މިއަހަރުގެ ފަހުކޮޅު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހާރު ތަރައްޤީ ކުރަމުންދާ މި ވަސީލަތުގެ އެހީގައި، ފޭސްބުކް ނުވަތަ އިންސްޓަގްރާމް ފަދަ މެޓާގެ ޕްލެޓްފޯމްތަކުގައި ޕަބްލިކް ޕްރޮފައިލް އޮންނަ ކޮންމެ މީހަކުވެސް މި އައިނު މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
ނަމަވެސް، މި އާ އީޖާދާ ގުޅިގެން ގެވެށި އަނިޔާއާއި ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ޓެކްނޮލޮޖީއެއްގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ފުރައްސާރައާއި ގޯނާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް، ނުބައި ނިޔަތެއްގައި މީހުންގެ ފަހަތުން އުޅޭ މީހުންނަށް (stalkers)، އެމީހުން ބޭނުންވާ މީހާ ހުރި ތަނަކާއި އޭނާގެ އަމިއްލަ މައުލޫމާތު ހޯދުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް އެ ޖަމިއްޔާތަކުން އިންޒާރު ދެއެވެ.
މިފަދަ ވަސީލަތްތައް މެދުވެރިކޮށް، އެމީހެއްގެ އެއްވެސް ހުއްދައެއް ނެތި އަމިއްލަ މައުލޫމާތުތައް އަނިޔާވެރިންނަށް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރަމުން، މިކަމަކީ އަންހެނުންގެ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން މެޓާ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ، މި ފީޗާ އާ ގުޅޭގޮތުން އެކި ގޮތްގޮތުން އަދިވެސް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި އެއްވެސް އަމަލީ ފިޔަވަޅެއް އެޅުމުގެ ކުރިން، އޭގެ ސަބަބުން ކުރާނެ އަސަރުތަކަށް ރިއާޔަތްކޮށް، ވަރަށް ފަރުވާތެރިކަމާއެކު ގޮތްތަކެއް ނިންމާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
