މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ޒުވާން ޑައިރެކްޓަރ އަޙްމަދު ޝިނާން ޑައިރެކްޓްކޮށް ގެނެސްދިން ކްރައިމް ތުރިލާ "ގޮށްރާޅު" އަކީ 2019 ގައި ރިލީޒްކުރި ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމެކެވެ. ހައުސްފުލްކޮށް 21 ޝޯވ ދެއްކި މި ފިލްމުގެ ޖުމްލަ 30 ޝޯވ އޮލިމްޕަހުގައި ދެއްކިއެވެ.
މުޙައްމަދު ޖުމައްޔިލް ނިމާލް (ޖުމަލް) ފިޔަވައި ފިލްމުގެ ލީޑުން މުޅިން އާ ތަރިން ފެނުނު މި ފިލްމުގެ އިތުރު ތަރިންނަކީ ޙަސަން އިރުފާން (ޒަކިއްޓެ)، އާމިނަތު ތަސްނީމާ، އާމިނަތު ރަޝްފާ (އާޝާ)، އަޒާން، ނާޝިތު އަދި ހަމްދާންއެވެ. މީގެ އިތުރުން ނުޒުހަތު ޝުޢައިބް (ނުޒޫ)، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް ޝަކީލާ އަދި އަޙްމަދު ސަޢީދުވެސް ފެނިގެންދިޔައެވެ.
އަންހެންކުއްޖެއްގެ ސަބަބުން ދެމީހެއްގެ މެދުގައި ހިނގާ ހަމަނުޖެހުންތަކެއް ދައްކައިދިން މި ފިލްމުގައި ތަރިންގެ ފަރާތުން މޮޅު އެކްޓިންގއެއް ފެނިގެން ދިޔައިރު މިއީ ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ.
އަޙްމަދު ޝިނާން ވިޝުއަލް އިފެކްޓްތައް ހަދާފައިވާ މި ކްރައިމް ތުރިލާ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު މަލްޓި ސްކްރީނުން ބަލައިލަން ލިބޭނެއެވެ.
