ކާމިޔާބު ފިލްމު 'ދަ ވައިޓް ޓައިގާ' އަށް ފަހު، މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ޑައިރެކްޓަރު ރާމިން ބަހްރާނީ އަނެއްކާވެސް އާ ފިލްމަކުން އެކީގައި މަސައްކަތް ކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އިންސްޓަގްރާމްގައި ޕްރިޔަންކާ ޓެގްކޮށް ރާމިން ކުރި ޕޯސްޓަކަށް ޖަވާބުދެމުން ޕްރިޔަންކާ ބުނީ މި ޕްރޮޖެކްޓަށް އިންތިޒާރު ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މި މަސައްކަތް ފަށަން ބޭނުންވާ ކަމަށެވެ. މިއީ ކޮން ނަމެއް ކިޔާ ފިލްމެއްކަން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ މުޖުތަމައުގެ މުހިންމު މައްސަލަތަކަކަށް އަލިއަޅުވާލާނެ ފިލްމެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޕްރިޔަންކާގެ އެންމެ ފަހުގެ ހޮލީވުޑް އެކްޝަން ފިލްމު 'ދަ ބްލަފް' ވަނީ މި މަހުގެ 25 ވަނަ ދުވަހު ޕްރައިމް ވީޑިއޯއިން ދައްކަން ފަށައިފައެވެ. މި ފިލްމުގައި އޭނާ ކުޅެނީ ކުރިން ކަނޑުފޭރޭ މީހެއްގެ ގޮތުގައި އުޅުމަށް ފަހު، އާއިލާ ސަލާމަތް ކުރުމަށްޓަކައި އަނެއްކާވެސް ނުރައްކާތެރި ކަންތައްތަކަކާ ކުރިމަތިލާ އަންހެނެއްގެ ރޯލެވެ. ކާލް އާބަން ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގައި ޕްރިޔަންކާ ވަނީ އަމިއްލައަށް ނުރައްކާތެރި ސްޓަންޓްތައް ހަދައިފައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ މި ފިލްމުގައި ޕްރިޔަންކާ ދައްކުވައިދިން މޮޅު އެކްޓިންއަށް ކްރިޓިކްސް އަންނަނީ ތައުރީފު ކުރަމުންނެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި ޕްރޮޖެކްޓުތަކަށް ބަލާއިރު، އެންމެ ބޮޑު އިންތިޒާރެއް ކުރެވެމުން އަންނަނީ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާ އެކު އޭނާ މަސައްކަތްކުރާ އިންޑިއާގެ ބޮޑު ފިލްމު 'ވަރަނާސީ' އަށެވެ. މަހޭޝް ބާބޫ ވެސް ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މީގެ އިތުރުން ޖޯން ސީނާ އާއި އިޑްރިސް އެލްބާއާ އެކު ކުޅޭ އެކްޝަން ކޮމެޑީ 'ހެޑްސް އޮފް ސްޓޭޓް' ވެސް މި އަހަރު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާ އަންނަނީ މަޝްހޫރު ސީރީޒް 'ސިޓަޑެލް' ގެ ދެވަނަ ސީޒަންގެ މަސައްކަތްތައް ވެސް ނިންމަމުންނެވެ.
