މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަދުކޯން، އެޗްބީއޯގެ މަގުބޫލު ސީރީޒް 'ދަ ވައިޓް ލޯޓަސް' ގެ ހަތަރު ވަނަ ސީޒަނުން ނުފެންނާނެ ކަން ޔަގީންވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މި ޕްރޮޖެކްޓު ދޫކޮށްލީ ސީރީޒްގެ ކާސްޓުން އޮޑިޝަން ހަދަން ޖެހޭތީއެވެ. ސީރީޒް އުފައްދާ ފަރާތުން ހުރިހާ ތަރިންވެސް އޮޑިޝަން ހެދުމަށް މަޖުބޫރުކުރި ނަމަވެސް، ދީޕިކާ ވަނީ އޮޑިޝަން ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވެސް އިންޑިއާގެ ބޮޑެތި އެހެން ޕްރޮޖެކްޓުތަކަކުން ދީޕިކާ ވަނީ ވަކިވެފައެވެ. އެގޮތުން ޕްރަބާސް އާއެކު ކުޅެން ހަމަޖެހިފައިވާ ފިލްމު 'ސްޕިރިޓް' އިން އޭނާ ވަކިވީ މަސައްކަތްކުރާ ވަގުތާއި މުސާރައާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ. އަދި އޭނާ ލީޑު ރޯލު ކުޅުނު ފިލްމު 'ކަލްކީ 2898 އޭޑީ' ގެ ދެވަނަ ބައިން ވެސް އޭނާ ނުފެންނާނެ ކަމަށާއި، އެ ރޯލު ދެން ކުޅޭނީ ސައި ޕައްލަވީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ދީޕިކާގެ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އިންޑިއާގެ ބޮޑެތި ފިލްމުތަކަށެވެ. އެގޮތުން ޝާހްރުކް ހާން އާއެކު ކުޅޭ 350 ކްރޯޑު ރުޕީސްގެ ބޮޑު ބަޖެޓު ފިލްމު 'ކިންގް' ގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޑައިރެކްޓަރު އެޓްލީ އާއި އައްލޫ އަރްޖުން ގުޅިގެން އުފައްދާ ފިލްމެއްގެ އިތުރުން 'ބްރައްމާސްތުރާ' ގެ ދެވަނަ ބައިން ވެސް ދީޕިކާ ފެނިގެންދާނެއެވެ.