އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރިސްގެ ޕާކެއްގެ ތެރެއިން މިދިޔަ އާދީއްތަ ދުވަހު ފެނިގެންދިޔައީ އާދަޔާ ހިލާފު މަންޒަރެކެވެ. މޫނުމަތީގައި ކުއްތާގެ މާސްކު އަޅައިގެން، ހަތަރުފައި މައްޗަށް ތިރިވެ، ޖަނަވާރުން އުޅޭ ފަދަ ގޮތަކަށް ހަރަކާތްތެރިވަމުންދިޔަ ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެ ސަރަހައްދުން ފެނުނެވެ. މިއީ މިހާރު ދުނިޔޭގެ ސޯޝަލް މީޑިއާގައި، ހާއްސަކޮށް އާޖެންޓީނާގައި މަގުބޫލުވަމުން އަންނަ "ތީރިއަންސް" (therians) މޫވްމަންޓުގެ ބައިވެރިންނެވެ.
"ތީރިއަންސް" އަކީ ނަފްސާނީ ގޮތުން ނުވަތަ ރޫހާނީ ގޮތުން އަމިއްލަ ނަފްސަކީ އިންސާނަކަށް ވުރެ ބޮޑަށް ޖަނަވާރެއް ކަމަށް ގަބޫލުކުރާ މީހުންނެވެ. މި ގްރޫޕުގެ އިސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އުމުރުން 15 އަހަރުގެ އަގުއާރާ ބުނި ގޮތުގައި، އޭނާ އަމިއްލައަށް ސިފަކުރަނީ "ބެލްޖިއަން މެލިނޮއިސް" ނަމަކަށް ކިޔާ ކުއްތާ އެއްގެ ގޮތުގައެވެ.
"އަހަރެން ހޭލައިގެން އުޅެނީ އާދައިގެ އިންސާނަކު އުޅޭ ގޮތަށް. ނަމަވެސް ބައެއް ވަގުތުތަކުގައި ކުއްތާއެއްގެ ގޮތުގައި އުޅެން އަހަރެން ބޭނުންވޭ،" ޓިކްޓޮކްގައި 125،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބޭ އަގުއާރާ ކިޔައިދިނެވެ.
މި ހަރަކާތް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރެމުންދާއިރު، ޓިކްޓޮކްގައި #therian ހޭޝްޓެގް ބޭނުންކޮށްފައިވާ ޕޯސްޓުތަކުގެ އަދަދު މިހާރު ވަނީ 2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މިކަމާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ހިޔާލުތައް ދަނީ އުފެދެމުންނެވެ. ބައެއް މީހުން މިއީ މަޖަލަކަށް ކުރާ ކަމެއް ކަމަށް ބުނާއިރު، އަނެއް ބަޔަކު މިކަމާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ.
އުމުރުން 16 އަހަރުގެ އަރޫ ބުނި ގޮތުގައި އޭނާ މާސްކު އަޅައިގެން ޖަނަވާރެއްގެ ގޮތަށް ހަރަކާތްތެރިވަނީ ހަމައެކަނި މުނިފޫހިފިލުވުމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާޖެންޓީނާގައި މި ހަރަކާތް މިހާ ބޮޑަށް ފެތުރިގެން ދިޔައީ އެ ގައުމަކީ މިފަދަ ތަފާތު ކަންކަމަށް ފުރުސަތު އޮންނަ މިނިވަން މާހައުލެއް އޮތް ގައުމަކަށް ވުމުންނެވެ.
މިކަމާ ގުޅޭގޮތުން ނަފްސާނީ ބަލިތަކާ ބެހޭ މާހިރެއް ކަމަށްވާ ޑެބޯރާ ޕެޑާސް ވިދާޅުވީ، މިއީ އަމިއްލަ ނަފްސު ޖަނަވާރަކާ ގުޅުވައިގެން ދައްކުވައިދޭ ރަމްޒީ ކަމެއް ކަމަށެވެ. ނަމަވެސް، މީހަކު އަމިއްލައަށް އެއީ ހަމަ ހަގީގަތުގައި ވެސް ޖަނަވާރެއް ކަމަށް ގަބޫލުކޮށް، އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ނުވަތަ އަނެކުންނަށް ގެއްލުމެއް ލިބޭ ހިސާބަށް ދިއުމުން އެއީ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އާދަޔާ ހިލާފު އޮއިވަރުގެ ސަބަބުން ބެލެނިވެރިންގެ މެދުގައި ސުވާލުތައް އުފެދިފައިވާއިރު، މިއީ ޒުވާނުންގެ މެދުގައި އުފެދިފައިވާ ވަގުތީ "ޓްރެންޑެއް" ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
