ދިވެހި ފިލްމީ އަދި މޮޑެލް ދާއިރާގައި ފާހަގަކޮށްލެވޭ ދެ ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި ހުނައިޝާ އާދަމް (ހުނޫ) އަކީ ގިނަ ބަޔަކު ދަންނަ ވަރަށް ގާތް ދެ އެކުވެރިންނެވެ. މި ދެ ތަރިންގެ އެކުވެރިކަމަށް މިހާރު 11 އަހަރު ވެފައިވާއިރު، މިއީ ގިނަ ބަޔަކަށް ނަމޫނާ އެކުވެރިކަމެކެވެ. ދާދި ފަހުން "ލަމްސް ކެފޭ" ޕްރޮގުރާމުގައި ބައިވެރިވަމުން އާޝާ އާއި ހުނޫ ވަނީ އެމީހުންގެ ގާތްކަމުގެ ވާހަކަތައް އާންމުންނާ ހިއްސާކޮށްފައެވެ.
"އަހަރެމެން ދެ މީހުންނަށް ވެސް އެކަކު އަނެކަކާ ނުލައި ވަކިން ނޫޅެވޭނެ،" އެމީހުންގެ ގުޅުމުގެ ބަދަހިކަން ފާހަގަކުރަމުން އާޝާ ބުންޏެވެ.
މަގުބޫލު މޮޑެލް ހުނޫ ކިޔައިދިން ގޮތުގައި، ދެ މީހުން އެންމެ ފުރަތަމަ ދިމާވި ދުވަހު އާޝާ ހުރީ ވަރަށް މަޑުންނެވެ. އާޝާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކައި އިނުމުން އެކަމާ ހައިރާންވި ކަމަށް ހުނޫ ބުންޏެވެ.
"އޭނާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކާ، އަދި އަހަންނާ ދިމާލަށް ބަލައި ވެސް ނުލާ އިންނާތީ ވަރަށް ހައިރާންވި،" ހުނޫ ބުންޏެވެ.
ނަމަވެސް އާޝާ ބުނި ގޮތުގައި ފުރަތަމަ ދިމާވި އިރު އޭނާ އެހާ މަޑުމައިތިރިކޮށް އިނީ، އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވާނެކަން އޭރު ނޭނގޭތީއެވެ.
"އެ ދުވަހު އަހަންނަށް ހީކުރެވުނީ ހުނޫ އަކީ ވަރަށް ބަސް އަހާ ރަނގަޅު ކުއްޖެއް ކަމަށް، އެކަމަކު ގާތްވި ހިސާބުން އަހަރެން ވާހަކަ ދެއްކުން ހުއްޓައެއް ނުލަން،" އާޝާ ބުންޏެވެ.
މި ޕްރޮގުރާމުގައި ދެ ތަރިން ވަނީ އެކަކު އަނެކަކުގެ ކިބައިގައި ހުންނަ އެންމެ ރަނގަޅު ސިފަތަކަށް ތައުރީފުކޮށްފައެވެ. އާޝާ ފާހަގަކުރި ގޮތުގައި ހުނޫ އަކީ އެންމެންނާ ދޭތެރޭގައި ވެސް ވަރަށް ވިސްނާ، އޯގާތެރި މީހެކެވެ.
"ރަނގަޅަށް ކަންތައް ނުކުރާ މީހުންނަށް ވެސް ހުނޫ ވަރަށް ރަނގަޅުވާނެ. އެއީ އަހަރެންގެ ކިބައިގައި ވެސް ހުންނަން ބޭނުންވާ ސިފައެއް، އެކަމަކު އަހަންނާ މެދު ރަނގަޅަށް ކަންތައް ނުކުރާ މީހުންނަށް އަހަރެން ރަނގަޅެއް ނުވާނަން،" އާޝާ ބުންޏެވެ.
އަނެއްކޮޅުން ހުނޫއަށް އާޝާގެ ފަރާތުން އެންމެ ކަމުދާ ސިފައަކީ އޭނާގެ މަޑުމައިތިރި ކަމެވެ. ގިނަ މީހުންގެ ތެރޭގައި ވެސް އާޝާ ވަރަށް ހަމަޖެހިލައިގެން އިންނަ އިންނުމަކީ ހުނޫ ވަރަށް ގަޔާވާ ކަމެކެވެ.

"ކޮފީއަކަށް ދިޔަސް ގިނަ މީހުންގެ ތެރޭގައި ވެސް އާޝާ އިންނާނީ ވަރަށް ހަމަޖެހިލައިގެން. ކުރިން އާޝާ އަކީ އެހާ އުފާވެރިކޮށް އުޅުނު ކުއްޖެއް ނޫން، އެކަމަކު މިހާރު އޭނާއަކީ ވަރަށް އުފާވެރި މީހެއް. އަދި އޭނާއަކީ ވަރަށް މީރުކޮށް ކާއެއްޗެހި ތައްޔާރުކުރަން އެނގޭ މޮޅު ކައްކާއެއް،" ހުނޫ ފާހަގަކުރިއެވެ.
މި ގާތް ގުޅުމުގެ ތެރެއިން އާޝާގެ ބައެއް މަޖާ ކަންކަން ވެސް ހުނޫ ވަނީ ކިޔައިދީފައެވެ. އެގޮތުން ދެ މީހުންގެ ތެރެއިން ކަންކަމުގައި އެންމެ ބޮޑަށް ހާސްވެ، މާ ބޮޑުކޮށްލައިގެން އުޅެނީ އާޝާ ކަމަށް ހުނޫ ބުންޏެވެ.
"އަވަހަށް ތަނަކަށް ދާން ޖެހިގެން ޓެކްސީއެއް ނުލިބުނަސް، މަގުމަތިން ދާ އާންމު ކާރަކަށް އަތް ނަގައިގެން ވިޔަސް އެ ކާރަށް އަރައިގެން ދާން ހިޔާލު ދޭނީ ވެސް އާޝާ،" މަޖާ ރާގަކަށް ހުނޫ ބުންޏެވެ.
އާޝާ ވެސް ވަނީ އޭނާއަކީ ކަންކަމުގައި ތަންކޮޅެއް ބޮޑަށް ހާސްވެ އުޅޭ މީހެއް ކަމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން ހުނޫ ވަނީ އާޝާއާ ގުޅޭ ވަރަށް މަޖާ ހާދިސާއެއް ވެސް ހިއްސާކޮށްފައެވެ.
"އެއް ދުވަހަކު މާފުއްޓަށް ދާން އުޅެ ފެރީ ކަޓައިގެން ދިޔުމުން، ގެއަށް އަނބުރާ ދިޔުމުގެ ބަދަލުގައި ހަވީރުން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ފެރީ ޓާމިނަލްގައި އާޝާ މަޑުކުރި. އޭނާ ގަބޫލުކުރާ ގޮތުގައި ދާން ބޭނުންވާ ތަނަކަށް ނުދެވެނީސް އަނބުރާ ގެއަކަށް ނުދާނެ،" ހުނޫ ކިޔައިދިނެވެ.

މިކަމަށް ބާރުދެމުން އާޝާ ބުނީ ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުންވާ ތަނަކަށް ދާން ވާނެ ކަމަށެވެ.
މިފަދަ މަޖާ މިޒާޖާއެކު ދެ މީހުންނަކީ ވެސް އެކަކު އަނެކަކަށް ސަމާސާ ކުރާ ދެ މީހުން ކަމަށާއި، މިއީ އެމީހުންގެ 11 އަހަރުވީ ގާތްކަން އިތުރަށް ވަރުގަދަކޮށްދޭ ކަމެއް ކަމަށް ވަނީ ބުނެފައެވެ. ދެ މީހުންގެ މިޒާޖު ތަފާތުވި ނަމަވެސް، އެކަކު އަނެކަކަށް ދޭ އެއްބާރުލުމާއި އޯގާތެރިކަމަކީ މި ގުޅުމުގެ އަސްލު ކަމަށް އެމީހުން ފާހަގަކުރިއެވެ.
