ރާއްޖޭގެ އެންމެ އެކްޓިވް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ބޮޑު ކާސްޓަކާއެކު 2019 ގައި ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" މީޑިއާނެޓްގެ މަލްޓި ސްކްރީނަށް ގެންނަން ނިންމައިފިއެވެ.

ހައުސްފުލް 15 ޝޯވ އޮލިމްޕަހުގައި ދެއްކުމަށްފަހު އަތޮޅު ތެރޭގައިވެސް ހައުސްފުލް ގިނަ ޝޯވތަކެއް ދައްކާފައިވާ "މާމުއި"ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުވާދު ތައުފީޤާއި އަޙްމަދު ތޮލާލެވެ. ޑައިރެކްޓްކުރީ ޑާކް ރެއިންގެ އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާއު (ޗިއްޕެ) އެވެ.

ބޮޑު ކާސްޓެއް ފެނިގެންދާ "މާމުއި"ގެ ތަރިންގެ ތެރޭގައި މުޙައްމަދު ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އިސްމާޢީލް ޖުމައިހް (ޖުމާ)، މަރިޔަމް މަޖުދާ (މަޖޫ)، ﷲޢަބްދު ޝާފިއު އިބްރާހީމް (ފުބޫ)، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޝީލާ ނަޖީބް، މުޙައްމަދު ފައިސަލް، އަޙްމަދު ސުނީ، ހަމްދާން ފާރޫޤް، އާމިނަތު ނޫރާ، ޢަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އިބްރާހީމް އަމާން، އަޙްމަދު ޝާކިރު (ޝާއްކޮ އަންމަޑޭ) އަދި ޝިއްޕެގެ އަންހެނުން ޢާއިޝަތު ޔާދާ ހިމެނެއެވެ. އޭގެ އިތުރުން ކުރީގެ މަޝްހޫރު އެކްޓަރ އިސްމާޢީލް ވަޖީހުގެ ޚާއްސަ ފެނިލުމެއްވެސް ހިމެނެއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އޮލިމްޕަހުގައި އެންމެ ފަހުން ރިލީޒްކުރި "މާމުއި" އަންނަ ޖުލައި މަހުގެ 19 ގައި މަލްޓި ސްކްރީނުން ބަލައިލެވޭނެއެވެ.