އިންޑިއާގައި ބޭއްވި ބައިނަލްއަގުވާމީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސަމިޓުގައި، ޗައިނާގެ ކުންފުންޏަކުން އުފައްދާފައިވާ ރޮބޮޓް ކުއްތާއެއް އެއީ އަމިއްލަ އުފެއްދުމެއް ކަމަށް ބުނެ ދެއްކި އިންޑިއާގެ ޔުނިވަރސިޓީއެއް އެ ސަމިޓުން ބޭރުކުރުމަށް އަންގައިފިއެވެ.

މި މައްސަލަ ފެންމަތިވީ އިންޑިއާގެ ގަލްގޯޓިއާސް ޔުނިވަރސިޓީގެ ކޮމިއުނިކޭޝަން ޕްރޮފެސަރެއް ކަމަށްވާ ނޭހާ ސިންގް، ދައުލަތުގެ މީޑިއާ "ޑީޑީ ނިއުސް" އަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އެ އިންޓަވިއުގައި އޭނާ ވަނީ "އޮރިއޯން" ގެ ނަމުން ނަންދީފައިވާ އެ ރޮބޮޓަކީ އެ ޔުނިވަރސިޓީގެ "ސެންޓަރ އޮފް އެކްސެލެންސް" އިން އުފެއްދި އެއްޗެއް ކަމަށް ބުނެފައެވެ.

ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ އެއީ ޗައިނާގެ "ޔުނިޓްރީ ރޮބޮޓިކްސް" އިން އުފައްދައި، ބާޒާރުގައި ގާތްގަނޑަކަށް 2,800 ޑޮލަރަށް ވިއްކަން ހުންނަ "ޔުނިޓްރީ ގޯ2" މޮޑެލްގެ ރޮބޮޓެއްކަން ވަގުތުން ދެނެގަނެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އޭއައި ދާއިރާއަށް ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޑިއާގެ އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނޯ އެ ވީޑިއޯ ކްލިޕް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމުން މިކަން އިތުރަށް ގޯސްވިއެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމާއެކު މިނިސްޓަރު ވަނީ އެ ޕޯސްޓް ފަހުން ފޮހެލައްވާފައެވެ.

ގަލްގޯޓިއާސް ޔުނިވަރސިޓީންނާއި ޕްރޮފެސަރު ނޭހާ ފަހުން ބުނެފައިވަނީ އެއީ ޔުނިވަރސިޓީގެ އަމިއްލަ އުފެއްދުމެއް ނޫން ކަމަށާއި، އެއީ އަމިއްލަ އުފެއްދުމެއް ކަމަށް ދުވަހަކުވެސް ދައުވާކޮށްފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ ދެ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އޮޅުވާލައިގެން ކަންތައްތަކެއް ހުށަހެޅި މައްސަލައިގައި އެ ޔުނިވަރސިޓީގެ ސްޓޯލް ހުސްކުރުމަށް ވަނީ އަންގާފައެވެ.

ނިއުދިއްލީގެ ބާރަތު މަންޑަޕަމްގައި ކުރިއަށްދިޔަ "އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް" އަކީ ދެކުނު ގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ގޫގުލްގެ ސުންދަރު ޕިޗާއީ އާއި އޯޕަން އޭއައިގެ ސޭމް އޮލްޓްމަން ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީން ބުނެފައިވަނީ މޯދީ ސަރުކާރުން އޭއައިގެ ދާއިރާއިން މުޅި ދުނިޔޭގެ ކުރިމަތީގައި އިންޑިއާ ލަދުގަންނުވާލާފައިވާ ކަމަށެވެ. މި ސަމިޓަކީ އިންތިޒާމީ ގޮތުންވެސް ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާ ބައްދަލުވުމެއް ނަމަވެސް، މިހާތަނަށް 100 ބިލިއަން ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް އެކި ކުންފުނިތަކުން އިންޑިއާގެ އޭއައި މަޝްރޫއުތަކަށް ދިނުމަށް ވަނީ ވައުދުވެފައެވެ.