ޒަމާނީ ޓެކްނޮލޮޖީގެ ދުނިޔޭގައި މިއަދު ފުރާވަރުގެ ކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް އެޕްލިކޭޝަނަކީ ޓިކްޓޮކެވެ. ނަމަވެސް، ޓިކްޓޮކްގެ "ފޯ ޔޫ" ޕޭޖުން ފެންނަ ކޮންޓެންޓްތަކުގެ ސަބަބުން ކުދިންގެ ގަބޫލުކުރުންތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި އިންޓަނެޓްގައި އެކުދިން އުޅޭގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށް ބުނެ އާ ދިރާސާއެއް ފަށައިފިއެވެ.
މި ދިރާސާއަކީ އެމެރިކާގެ ޖޯޖިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ދިރާސާ ބިނާވެފައިވަނީ އިނގިރޭސިވިލާތުގެ 10,000 އަށްވުރެ ގިނަ ފުރާވަރުގެ ކުދިންގެ ފަރާތުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށެވެ. މި ކުދިން ވަނީ އަމިއްލަ އިޚްތިޔާރުގައި، ޖީ.ޑީ.ޕީ.އާރް ގަވާއިދުގެ ދަށުން އެކުދިންގެ ޓިކްޓޮކް ޑޭޓާ އާކައިވްތައް ދިރާސާވެރިންނާ ހިއްސާކޮށްފައެވެ.
މީގެ ކުރިން ކުރެވިފައިވާ ދިރާސާތަކާ ޚިލާފަށް، މި ޕްރޮޖެކްޓްގައި ބަލަނީ ކުދިން އާންމުކޮށް ޕޯސްޓްކުރާ އެއްޗެއްސަކަށް ނޫނެވެ. އޭގެ ބަދަލުގައި، މި ދިރާސާގައި ބަލަނީ އެކުދިން އަމިއްލައަށް ބަލާ އެއްޗެއްސަށެވެ. ދިރާސާވެރިން ދަނީ ކުދިންގެ "ވިއުއިން ހިސްޓްރީ" ނުވަތަ ބަލާފައިވާ ވީޑިއޯތަކުގެ ތާރީޚު ދިރާސާކުރަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ، އެލްގޮރިޒަމްގެ އެހީގައި ފެންނަ ވީޑިއޯތަކުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލުތައް ދެނެގަތުމެވެ.
މި މުހިންމު މަސައްކަތް ކުރިއަށް ގެންދަވަނީ ޖޯޖިއާ ޓެކްގެ ޕްރޮފެސަރ މުންމުން ދޭ ޗޯދަރީގެ އިރުޝާދުގެ ދަށުންނެވެ. މީގެ އިތުރުން ކޭމްބްރިޖް ޔުނިވަރސިޓީގެ އެމީ އޯބެން އަދި ޔޫ.ސީ.އެލް.އޭ ގެ ރިސާޗަރ ހޯމާ ހުސައިންމަރުދީ ވެސް މި ޕްރޮޖެކްޓްގައި ބައިވެރިވެވަޑައިގަންނަވައެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އެއްވެސް އެއްޗެއް ޕޯސްޓްނުކޮށް ހަމައެކަނި ވީޑިއޯތައް ބަލަމުންދާ ދިޔުމަކީ ، ހާއްސަކޮށް ދަންވަރުގެ ވަގުތުތަކުގައި ކުރާނަމަ، އޭގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. މިއީ ބޭރުފުށުން ފެންނަން ނެތް ނަމަވެސް، ކުދިންގެ ޝަޚުޞިއްޔަތަށް ނުފޫޒު ފޯރުވާ ކަމެކެވެ.
ޓިކްޓޮކްގެ "ފޯ ޔޫ" ޕޭޖަކީ މެޝިން ލާނިންގް ބޭނުންކޮށްގެން، ކޮންމެ މީހަކަށް ކަމުދާނެ އެއްޗެހި ލަފާކޮށް ދައްކައިދޭ ނިޒާމެކެވެ. މާހިރުން ބުނާ ގޮތުގައި މިފަދަ ނިޒާމުތަކަކީ ވަކި ފަރާތަކަށް ނުޖެހި ހުންނަ އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ކުއްޖާގެ ބައެއް ކަހަލަ ޝައުގުވެރިކަން އިތުރުވެ، ވަކި ގަބޫލުކުރުންތަކެއް ވަރުގަދަވެގެންދެއެވެ. މިސާލަކަށް ރީތިކަމުގެ މިންގަނޑުތަކާއި، ހަށިގަނޑު ހުންނަންޖެހޭ ގޮތާއި، އަދި ސިޔާސީ ފިކުރުތައް ފަދަ ކަންކަމުގައި ކުދިންގެ ވިސްނުން ބަދަލުވެގެންދެއެވެ.
ޓިކްޓޮކްގެ ކޮންޓެންޓްތަކާ މެދު މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 2022 ވަނަ އަހަރު 'ސެންޓަރ ފޯ ކައުންޓަރިންގ ޑިޖިޓަލް ހޭޓް' އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 13 އަހަރުގެ ކުދިންގެ ނަމުގައި ހަދާފައިވާ އެކައުންޓްތަކަށް، ކެއުމުގެ ނިޒާމަށް ބުރޫއަރާ ފަދަ ވީޑިއޯތަކާއި އަމިއްލަ ނަފްސަށް ގެއްލުންދޭ ފަދަ ވީޑިއޯތައް ވަރަށް އަވަހަށް ފެންނަން ފަށާ ކަމަށެވެ. ނަމަވެސް އޭރު ޓިކްޓޮކުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.
ޖޯޖިއާ ޓެކްގެ މި ދިރާސާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ކުދިން ބަލާ ކުދިކުދި ކަންތައްތަކުން "ރެބިޓް ހޯލް" އެއްގެ ތެރެއަށް ނުވަތަ އެއް ވީޑިއޯއިން އަނެއް ވީޑިއޯއަށް ގޮސް ނުރައްކާތެރި ފިކުރުތަކެއްގެ ތެރެއަށް ވަދެވޭ ގޮތްތައް ބަލާނެއެވެ. މި ދިރާސާގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޑިޖިޓަލް ދުނިޔޭގައި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ މަގުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
