އެޕަލް ކުންފުނީގެ އައު އުފެއްދުންތައް ތަޢާރަފުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް އަންނަ 2026 މާރިޗު 2 ވާ ހޯމަ ދުވަހު ފަށާނެކަން އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް އިޢުލާންކޮށްފިއެވެ. ޓިމް ކުކް މިކަން ހާމަކުރެއްވީ "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޓިމް ކުކްގެ ޕޯސްޓުގައި ވިދާޅުވީ ކުރިއަށް އޮތީ "ބޮޑު ހަފުތާއެއް" ކަމަށާއި، ހުރިހާ ކަމެއްވެސް ހޯމަ ދުވަހުގެ ހެނދުނު ފެށޭނެ ކަމަށެވެ. މި ޕޯސްޓާއެކު އެޕަލްގެ ލޯގޯ ފެންނަ ކުރު ވީޑިއޯއެއް ހިއްސާކޮށްފައިވާއިރު، #AppleLaunch ހޭޝްޓެގް ވެސް ވަނީ ބޭނުންކޮށްފައެވެ. މިއީ އެޕަލް އިން އާންމުކޮށް ބާއްވާ އެއް ދުވަހުގެ "ކީނޯޓް" އިވެންޓުގެ ބަދަލުގައި، ގިނަ ދުވަސްތަކަކަށް ބަހާލައިގެން އައު އުފެއްދުންތައް ދައްކާލުމަށް ނިންމާފައިވާ ފުރަތަމަ ފަހަރެވެ.

މި އައު އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ ކޮން އެއްޗެއްކަން ސީދާ ހާމަކޮށްފައި ނުވިނަމަވެސް، ބުދަ ދުވަހުގެ ނިޔަލަށް އައު ހާޑްވެއާ އުފެއްދުންތަކެއް ދައްކާލާނެ ކަމަށް ބެލެވެއެވެ. މިގޮތަށް ކަންތައް ކުރުމުގެ މައިގަނޑު މަގުސަދަކީ އެޕަލްގެ އައު އީޖާދުތަކަށް މީޑިއާ އާއި އާންމުންގެ ސަމާލުކަން މެދުނުކެނޑި ގިނަ ދުވަހަށް ހިފެހެއްޓުމެވެ.

ޑިޖިޓަލްކޮށް މި ތަކެތި ދައްކާލުމުގެ އިތުރުން، މާރިޗު 4 ވާ ބުދަ ދުވަހު "އެޕަލް އެކްސްޕީރިއަންސް" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި މީޑިއާތަކަށާއި ދައުވަތު އެރުވޭ ފަރާތްތަކަށް އައު އުފެއްދުންތައް އަމަލީގޮތުން ބަލާލައި، އެ ތަކެތި ބޭނުންކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އައު އުފެއްދުންތަކުގެ އަގާއި، އޭގެ ޚާއްޞަ ސިފަތައް އަދި ހާމަކޮށްފައި ނުވިނަމަވެސް، ޓިމް ކުކްގެ މި އިޢުލާނާއެކު އެޕަލްގެ ފޭނުންނާއި ޓެކްނޮލޮޖީ ދާއިރާގެ މާހިރުންގެ މެދުގައި ވަނީ ބޮޑު އިންތިޒާރެއް އުފެދިފައެވެ. 2026 ވަނަ އަހަރަށް އެޕަލް އިން ތައްޔާރުކޮށްފައިވާ އައު އުފެއްދުންތަކުގެ ފުރަތަމަ ފެނިލުމަށް މުޅި ދުނިޔެ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.