ކޮފީއަކީ ގިނަ ބައެއްގެ ދިރިއުޅުމުގައި މުހިންމު ރޯލެއް އަދާކުރާ ބުއިމެކެވެ. ފޫހިފިލުވާލުމަށާއި ދެމީހެއްގެ މެދުގައި ކަމަކާއި މަޝްވަރާ ކޮށްލާ ވަގުތުވެސް ކޮފީ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ކޮފީއަކުން ދުވަސް ނުފެށޭނަމަ މުޅި ދުވަސް ޚަރާބުވާ މީހުންވެސް މަދެއް ނޫނެވެ. މި ލިޔުމުގައި ބަލައިލާނީ ކޮފީއިން ލިބޭ ފައިދާތަކުގެ ތެރެއިން އާންމުކޮށް މީހުންނަށް ނޭނގޭ 5 ފައިދާއަށެވެ.

* ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ

ކޮފީއިން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ކޮފީ ނުބޯ މީހުންނާއި ބަލާއިރު އާދައިގެ މިންގަނޑަކަށް ކޮފީ ބޯ މީހުންނަށް ސްޓްރޯކް ޖެހޭ މިންވަރު މަދުކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ކޮފީއިން ސްޓްރޯކް ޖެހުމުގެ ފުރުސަތު 25 އިންސައްތައާއި ހަމައަށް ދަށްކޮށްދެއެވެ.

* ހިތުގެ ބަލިތަކުން ދުރުކޮށްދޭ

އާދަވެގެން ކޮންމެ ދުވަހަކު ކޮފީ ބޯނަމަ ލޭ މައްޗަށް ދިޔުމާއި ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބޯ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ނަމަވެސް މާގިނައިން ކޮފީ ބުއިމަކީވެސް ލޭމައްޗަށް ދިޔުންފަދަ ސިއްޙީ ގެއްލުންތައް ލިބޭ ކަމަކަށް ވާތީ އޭގެ އެންމެ ރަނގަޅު މިންވަރަށް ކޮފީ ބުއިން މުހިންމެވެ.

* ހަކުރު ބަލީގެ ޓައިޕް 2 ޖެހުމުން ދުރުކޮށްދޭ

ކޮފީ ބޯނަމަ ހަކުރު ބަލީގެ ޓައިޕް 2 ޖެހުމުގެ ފުރުސަތު 11 އިންސައްތައަށް ދަށްކޮށްދެއެވެ. ކޮފީ ނުބޯ މީހުންނާއި ބަލާއިރު ކޮންމެ ދުވަހަކު ކޮފީ ބޯ މީހުންނަށް އެކަމުގެ އެދެވޭ އަސަރު ފެންނަކަމަށް ދިރާސާތަކުން ހާމަވެއެވެ.

* ފުއްޕާމެޔަށް ފަރުވާއެއް

ދުވާލަކު 2-3 ތަށި ކޮފީ ބޯނަމަ ފުއްޕާމޭ ދުޅަހެޔޮކަންމަތީ ދަމަހައްޓައިދީ ފުއްޕާމޭގެ ބަލިތަކުން ދުރުކޮށްދެއެވެ. ކޮފީއިން ފުއްޕާމޭގެ މަސައްކަތް އިތުރުކޮށްދީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމުގެ އިތުރުން ހެޕަޓިޓިސް ސީ އިންވެސް ދުރުކޮށްދެއެވެ. އަދި ކޮފީގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކަކީ ފުއްޕާމެއަށް ވަރަށް ފައިދާހުރި މާއްދާތަކެކެވެ.

* ޑިޕްރެޝަންއަށްވެސް ފަރުވާއެއް

މެންޓަލް ޑިޕްރެޝަންގެ އަސަރުވެސް ކޮފީއިން ކުޑަކޮށްދެއެވެ. ދުވާލަކު 3-4 ތަށި ކޮފީ ބޯނަމަ މީހާގެ މޫޑް ރަނގަޅުކޮށްދީ މީހާގެ ހަރަކާތްތެރިކަން އިތުރުކޮށްދެއެވެ. ޑިޕްރެޝަންއާއި ހަނގުރާމަކުރުމުގައި ސިކުނޑީގެ މަސައްކަތަށް ކޮފީއިން ވަރަށް ބޮޑު އެއްބާރުލުމެއް ދެއެވެ. ނަމަވެސް ކްލިނިކަލީ ޑިޕްރެސް ވެފައިވާނަމަ ހަމައެކަނި ކޮފީއަށް ބަރޯސާ ނުވާށެވެ. ޑޮކްޓަރީ ފަރުވާ ހޯދާށެވެ.

މި ލިޔުމުގައި ކޮފީއިން ލިބޭ ޞިއްޙީ ފައިދާތަކަށް އަލިއަޅުވާލިއިރު ކޮފީއާއި ބެހޭގޮތުން މުހިންމު އިތުރު މަޢުލޫމާތެއް ހިއްސާކޮށްލާނަމެވެ. މި ދެންނެވި ފައިދާތައް ލިބޭނީ ކޮފީވެސް އޭގެ އެންމެ ރަނގަޅު މިންގަނޑުގައި ބޭނުން ކުރުމުންނެވެ. ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބޭނުންކުރުމުން ކޮފީއިންވެސް ނޭދެވޭ އަސަރު ކުރާނެއެވެ. އެގޮތުން ކޮފީ ބުއިމުގައި ދުވާލަކު 3-4 ތަށްޓަށްވުރެ ގިނައިން ނުބޯށެވެ. ކޮފީ ބުއިމުގައި އެންމެ ރަނގަޅީ ދުވާލަކު ގިނަވެގެން 3-4 ތަށި ކޮފީ ބުއިމެވެ.