ޔޫއެފްއޭ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅަ ޓީމު ވާދަކުރާ ބުރުގެ ގުރުއަތުލުން ސްވިޒަލޭންޑުގެ ނިޔޯންގައި ބާއްވައިފިއެވެ. މި ގުރުއަތުލުމުން ޗެލްސީއަށް ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޖެހި، ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ މަސްތަކެއް ކުރިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ވެސް މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ މެޗުން ތިނެއް ސުމަކުން ޕީއެސްޖީ ބަލިކޮށް، މުބާރާތް ކާމިޔާބުކުރީ ޗެލްސީންނެވެ.

މިއީ ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވޭއިރު، ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅޭ ޕީއެސްޖީން ނުކުންނާނީ ވަރުގަދަ އެޓޭކަކާ އެކުގައެވެ. އަދި ޗެލްސީން ނުކުންނާނީ ވަރުގަދަ ޑިފެންސަކާއި ރަނގަޅު ރޭވުންތެރިކަމަކާ އެކުގައެވެ. މި ބުރުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 10 ނުވަތަ 11 ވަނަ ދުވަހު ޕެރިހުގެ ޕާކް ދޭ ޕްރިންސެސް ސްޓޭޑިއަމްގައެވެ. ދެވަނަ ލެގު އޮންނާނީ މާޗު 17 ނުވަތަ 18 ގައި ޗެލްސީގެ ދަނޑު ކަމަށްވާ ސްޓެމްފޯޑް ބްރިޖުގައެވެ. މި މެޗުން މޮޅުވެއްޖެ ނަމަ، ކުއާޓާ ފައިނަލުގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ ގަލަތަސަރާއީ ނުވަތަ ލިވަޕޫލްއާއެވެ.

މި ގުރުއަތުލުމާއެކު މުޅި ފުޓުބޯޅަ ދުނިޔޭގެ ސަމާލުކަން މި މެޗަށް ވަނީ ހުއްޓިފައެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ މެޗެކޭ އެއްގޮތަށް މިއީ ވެސް އެންމެން އިންތިޒާރުކުރާނެ މެޗެކެވެ. ޗެލްސީގެ ސަޕޯޓަރުން އުންމީދުކުރަނީ ޔޫރަޕުގެ އެންމެ މޮޅު ޓީމުތަކާ ދެކޮޅަށް އެ ޓީމުގެ މޮޅުކަން ސާބިތުކޮށްދިނުމަށެވެ. އަނެއްކޮޅުން ޕީއެސްޖީ ނުކުންނާނީ އެންމެ ފަހުގެ ބަލިވުމުގެ ބަދަލުހިފައި، ޗެމްޕިއަންކަން ދިފާއުކުރުމުގެ އަޒުމުގައެވެ. މާޗު މަހު ކުޅޭ މި މެޗުތަކަކީ ފޯރިގަދަ އަދި ވާދަވެރި މެޗުތަކަކަށް ވާނެކަން ޔަގީނެވެ.