ކުރިއަށް އޮތް މާޗު މަހަކީ މުޅި ރާއްޖެއަށް ވެސް ހޫނުގަދަ އަދި ވާރޭ ވެހޭ މިންވަރު މަދު މަހަކަށް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) ބުންޏެވެ. މި ދުވަސްވަރަކީ އާންމުކޮށް ވެސް ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއް ކަމަށްވާއިރު، ކަނޑުތައް މަޑުވެފައި ވައި ވެސް ވަރަށް ބޮޑަށް މަޑުވާނެއެވެ.
މެޓު އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް މަހުގެ ތެރޭގައި ވެސް މޫސުން އޮންނާނީ މިހާރު ވެސް އޮތް ފަދަ ގޮތަކަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު އާދައިގެ މިންވަރަށް ވުރެ މަދުން ނުވަތަ އެއަށް ވުރެ ވެސް މަދުވެދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ ވެސް އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ.
ފިނިހޫނުމިނަށް ބަލާއިރު، މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިވާނެ ކަމަށް މެޓު އޮފީހުން ބުންޏެވެ. އެހެންކަމުން މިއީ މީހުންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ދުވަސްވަރަކަށް ވާނެއެވެ.
މިހާރު ހިނގަމުން މިދަނީ އިރުވައި މޫސުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އާންމުކޮށް ރާއްޖެއަށް އެންމެ މަދުން ވިއްސާރަ ކުރަނީ އަދި އެންމެ ބޮޑަށް ހޫނުވަނީ މި ދުވަސްކޮޅުގައެވެ. އެހެންކަމުން ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ގިނައިން ފެން ބުއިމާއި އަވީގައި ގިނަ ވަގުތު ނޫޅުމަކީ މުހިންމު ކަމެކެވެ.
