އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މޮނިޓަރަކަށް ވުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހަނދާންކޮށްދީފިއެވެ. މި އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓާކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.
މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮފީހުން ބުންޏެވެ. މިގޮތުން ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައުލޫމާތު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިކަމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށް ވުމަށް އެދޭ ފޯމު ފުރިހަމަކޮށް އީސީއަށް އީމެއިލް ކުރަންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިންތިހާބު މޮނިޓާކުރުމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ. މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ މީޑިއާ އިދާރާއެއްގައި މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެއެވެ. އަދި އިންތިހާބުގައި އެހެން އެއްވެސް މަގާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އީސީން ބުންޏެވެ.
