ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާ "ސްޓްރޭންޖަރ ތިންގްސް" އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ގޭޓަން މަޓަރާޒޯ، އޭނާ ތަހައްމަލު ކުރަމުންދާ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކްލެއިޑޯކްރޭނިއަލް ޑިސްޕްލޭސިއާ" (ސީޑީސީ) އާ ބެހޭގޮތުން ވާހަކަދައްކައިފިއެވެ.

އުމުރުން 23 އަހަރުގެ ގޭޓަން، "ހެލްތު އިންސައިޓް" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ހަށިގަނޑުގައި މި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށާއި، މިކަމުގެ ސަބަބުން އޭނާއަށް މަލާމާތް ކުރުން ފަދަ ކަންކަމާ ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން އޭނާގެ އެކްޓިން ކެރިއަރު ފެށުމަށް މަގުފަހިވެ، ބައްޔާ ބެހޭގޮތުން ލަދުގަތުމެއް ނެތި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ގޭޓަން އިތުރަށް ބުނި ގޮތުގައި، އޭނާއަށް ލިބިފައިވާ ގިނަ ރޯލުތަކަކީ އޭނާގެ ހަށިގަނޑުގައި ހުންނަ މި ބަލީގެ ސަބަބުން ލިބުނު ފުރުސަތުތަކެކެވެ. އޭގެ ތެރޭގައި އޭނާގެ އިސްކޮޅާއި، ދަތްތައް ހުންނަ ގޮތުން އުމުރަށްވުރެ ހަގުކޮށް ފެނުން ހިމެނެއެވެ. ނަމަވެސް، މުސްތަގުބަލުގައި މި ބައްޔާ ގުޅުމެއް ނެތް އާދައިގެ ރޯލުތައް ކުޅުމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ކްލެއިޑޯކްރޭނިއަލް ޑިސްޕްލޭސިއާ އަކީ ކަށިތަކާއި ދަތްތައް އުފެދުމުގައި ދިމާވާ ޖެނެޓިކް މައްސަލައެކެވެ. މި ބަލީގެ ސަބަބުން ކަށިގަނޑުގެ ވަރުގަދަކަން ކުޑަވުމާއި ދަތްތައް އާދަޔާ ހިލާފަށް ފެޅުން ފަދަ ކަންކަން މެދުވެރިވެއެވެ.

ގޭޓަން ވަނީ "ސްޓްރޭންޖަރ ތިންގްސް" ގައި އޭނާ ކުޅޭ 'ޑަސްޓިން ހެންޑަސަން' ގެ ކެރެކްޓާއަކީ ވެސް މި ބަލި ހުންނަ ކުއްޖެއްގެ ގޮތުގައި ދެއްކުމަށް އެ ސިލްސިލާގެ އުފެއްދުންތެރިންނާ ގުޅިގެން މަސައްކަތް ކޮށްފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މި ބައްޔަށް މީހުން ހޭލުންތެރި ކުރުމަށް ގޭޓަން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ...